ދީން

މާލޭގެ ރައްޔިތުންނަށް "މުޞްޙަފް މާލްދީފް" ބަހަން ފަށައިފި


"މުޞްޙަފް މާލްދީފް" މަޝްރޫޢުގެ ދަށުން ޗާޕްކޮށްގެން ގެނެވުނު މުޞްޙަފްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން، މާލޭގެ ރައްޔިތުންނަށް "މުޞްޙަފް މާލްދީފް" ރަސްމީކޮށް ބަހަން ފަށައިފިއެވެ، 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މާލޭގެ ރައްޔިތުންގެ ފަރާތުން ފުރަތަމަ މުޞްޙަފާ ރަސްމީކޮށް ހަވާލުވީ މ.ހެޕީޑޯން އަޙްމަދު ސަޢީދުއެވެ. މިނިސްޓްރީގެ ފަރާތުން އަޙްމަދު ސަޢީދާ މުޞްޙަފް ޙަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަލީ ވަޙީދެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ރިފާޢު ބައިވެރިވެވަޑައިގެންނެވިއެވެ.

"މުޞްޙަފް މާލްދީފް" ގެ ފުރަތަމަ ކޮޕީ 27 ސެޕްޓެންބަރު 2016 ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަތްޕުޅަށް އަރުވާފައިވާއިރު، ރައީސް ޔާމީން ވަނީ 29 ޑިސެންބަރު 2016 ގައި މުޞްޙަފްތައް ބެހުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ "މުޞްޙަފް މާލްދީފް" މަޝްރޫޢު ގެ ދަށުން ފުރަތަމަ ގެނެވުނު އެއްލައްކަ މުޞްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން 15 އަހަރާ 45 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެވޭ ގޮތަށެވެ. އަދި މާލޭ ސަރަޙައްދާއި އަތޮޅުތެރޭގައި ދިރިއުޅުއްވާ އެ ޢުމުރުފުރާގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުޞްޙަފް ފޯރުކޮށްދެވޭނެއެވެ.

"މުޞްޙަފް މާލްދީފް" މަޝްރޫޢަކީ، ކޮންމެ ދިވެއްސަކަށް މުޞްޙަފެއް މި ޝިޢާރުގެ ދަށުން ދިވެހިންނަށް ޚާއްޞަ މުޞްޙަފެއް ޗާޕުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ، 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރުކޮށްދިނުމެވެ.