ކުޅިވަރު

28 އަހަރަށްފަހު މިޞްރު ވަރލްޑްކަޕަށް


އަށާވީސް އަހަރު ފަހުން މިސްރު ވޯލްޑްކަޕަށް ކޮލިފައި ވެއްޖެއެވެ. މިޞްރު ވަރލްޑްކަޕްގެ ޖާގަ ކަށަވަރުކުރީ ކޮލިފައިންގައި ރޭ އެފްރިކާ ގްރޫޕް އީގައި ކޮންގޯއެާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބުކޮށްގެންނެވެ.

މެޗަށް ނުކުތްއިރު މޮޅުވެގެން ނޫންގޮތަކަށް މިޞްރަށް ވޯލްޑްކަޕްގެ ޖާގަ ލިބޭކަށް ނެތެވެ. މިސްރުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 68 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ލިވަޕޫލްގެ ތަރި މުހަންމަދު ސަލާހްއެވެ.

މެޗުގެ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކޮންގޯއިން ލަނޑެއްޖަހާ އެއްވަރުކުރިއެވެ. އާނޯލްޑް ބޮއަރ ކަރ ކޮންގޯއަށް ޖަހައިދިން ލަނޑާއެކު ދަނޑަށްވަދެ ތިބި މިސްރުގެ 85،000 ސަޕޯޓަރުން އަޑު ކެޑިގެން ދިޔައެވެ.

މިސްރަށް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުވީ މެޗްގެ އިތުރުވަގުތުގެ އެންމެ ފަހު މިނިޓްގައި ލިބުނު ޕެނެލެޓީ ސަލާހް ގޯލަށް ވައްދާލުމުންނެވެ. މިޞްރު އެންމެ ފަހުން ވަރލްޑްކަޕްގައި ވާދަކުރީ 1990 ވަނަ އަހަރުއެވެ.

މިމޮޅާއެކު މިސްރު ރައްޔިތުން ދަނީ އެގައުމުގެ އެކި ސަރަހައްދު ތަކުގައި އުފާފާޅުކުރަމުންނެވެ.

ގުރޫޕްގެ އެންމެ ފަހުމެޗުގައި  މިސްރު ނުކުންނާނީ ޤާނާއާ ދެކޮޅަށެވެ.