ކުޅިވަރު

ބްރެޒިލް ރޮނަލްޑޯގެ ޓީމުން ޕޯޗްގަލް ރޮނަލްޑޯއަށް ޖާގައެއް ނެތް


ފުޓްބޯޅައިގައި ބައެއް މީހުން ދެކޭ ގޮތުގައި ބްރެޒިލްގެ ރޮނާލްޑޯ އަށްވުރެ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ކުރި ހޯދާފައެވެ. ނަމަވެސް ރޮނާލްޑޯ ނެގި އޯލްސްޓާ ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށް ލަޔޮނަލް މެސީ އަށް ވަނީ ޖާގަ ދީފައެވެ.

1994 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ރޮނާލްޑޯ އަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވަޑެވެ. އޭނާ ވަނީ ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ތިން ފަހަރު ހޯދާފައެވެ.

މިވަރުގަދަ ޝަހުސިއްޔަތު ނެގި އޭނާގެ އޯލް ސްޓާ ޓީމުގެ ކީޕަރަކީ އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ބުފަންއެވެ. ވާތު ބެކަށާއި ކަނާތު ބެކަށް ނަގާފައިވަނީ ރޮނާލްޑޯއާއެކު ބްރެޒިލަށް ކުޅުނު ކެޕްޓަން ކަފޫ އާއި ހިލޭޖެހުންތެރިޔާ ރޮބާޓޯ ކާލޮސްއެވެ. ސެންޓްރަލް ދެ ޑިފެންޑަރުނަށް ނަގާފައިވަނީ އިޓަލީގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ފަބިއޯ ކަންވާރޯ އާއި ޕައުލޯ މަލްޑިނީއެވެ.

ރޮނާލްޑޮގެ ޓީމުގެ މެދުތެރެއަށް ނަގާފައިވަނީ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނާއި އިޓަލީގެ އަންދްރޭ ޕިރްލޯއެވެ. މީގެ ތެރެއިން ޒިދާނަކީ ރޮނާލްޑޯއާއެކު މެޑްރިޑަށް ކުޅުނު އޭނާގެ ގާތް ރަހުމަތްތެރިއެކެވެ. ދެ އަރިމަތިން ކުރިއަށް ކުޅެން ނަގާފައިވަނީ އާޖެންޓިނާގެ މިހާރުގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާއެވެ. އެންމެ ކުރިއަށް އޭނާއާއެކު ކުޅެން ނަގާފައިވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ.