ޚަބަރު

އެމްޑަބްލިޔުއެސްސީގެ ފެން އުފައްދާ އާ މަރުކަޒު ހުޅުވައިފި


މާލޭގައި މިހާރު ބޭނުންކުރަމުން އަންނަ ފެނާއި ނަރުދަމާގެ ނިޒާމަކީ، މީގެ ތިރީސް ހަތް އަހަރު ކުރިން ހަތް ހާސް މީހުންގެ އާބާދީއަކަށް ބަލައިގެން ފަރުމާކޮށްފައިވާ ނިޒާމެކެވެ. މާލޭގެ އަބާދީ ދުވަހެއް ދުވަހެއް އިތުރުވަމުން ދިޔުމުން އެމްޑަބްލިއުއެސްސީގެ އަމާޒު ހިފާފައިވަނީ ތިން ލައްކަ މީހުންގެ އާބާދީއަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އެކު ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށެވެ.

މި ޕްލޭންގެ ދަށުން، މާލޭގެ އޮޕަރޭޝަން ސެންޓަރ ޑިސެންޓްރަލައިޒްކޮށް، މާލޭގައި ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަޙައްދެއްގައި ފެން އުފައްދޭނެ މަރުކަޒު ވަނީ ޤާއިމްކޮށްފައެވެ. މީގެތެރެއިން ފުރަތަމަ މަރުކަޒު ރަސްމީކޮށް ހުޅުވާފައިވާއިރު އެ މަރުކަޒުން ދުވާލަކު ފަސް ހާސް ކޮޑިމީޓަރުގެ ފެން އުފެއްދާ އަދި  އިތުރު ފަސްހާސް ކޮޑިމީޓަރުގެ ފެންޕްލާންޓެއްވެސް ޤާއިމްކުރުމުގެ ޤާބިލްކަން ލިބިފައިވާ ތަނެކެވެ. މި މަރުކަޒު ނުވަތަ އާރް.އޯ އެނެކްސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ  އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އާރް.އޯ އެނެކްސް ފެން އުފައްދާ މަރުކަޒުގެ އިތުރުން، ހަވީރީ ހިނގުމުގައި ދެހާސް ކޮޑިމީޓަރުގެ ފެން ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ.

img:http://s1.psmnews.mv/images/660x400/15074834246470.jpg|އެމްޑަބްލިޔުއެސްސީން ތަރައްޤީކުރީ ފެން އުފައްދާ އާ މަރުކަޒު / މިއީ 5000 ކޮޑި މީޓަރުގެ ފެން އުފައްދައިދޭ މަރުކަޒެއް

ފެން އުފައްދާ އައު މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަތަކަށް ދާއިމީ ހައްލެއް މިހާރު ލިބިފައިވާކަމަށް. މާލެއާއި އެއްގޮތަށް އަތޮޅު ތަކުގައިވެސް ދެމެހެއްޓެނިވި ގޮތުގައި ފެނުގެ ޚިދުމަތް ދިނުމުގެ މަސައްކަތްކުރަމުން އަންނަކަންވެސް ފަޒުލް ފާހަގަކުރެއްވިއެވެ. މިގޮތުން ކުޅުދުއްފުށީގައި ޤާއިމްކުރާ ފެން އުފައްދާ މަރުކަޒު އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވާ ޚިދުމަތް ދޭން ފަށާނެކަމަށާއި ރ.ދުވާފަރުގައިވެސް ފެން އުފައްދާ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަޒުލް ވިދާޅުވިއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްފައިވާ ގޮތުން އެމްޑަބްލިޔުއެސްސީން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި މާލޭގައި ފެނުގެ ޚިދުމަތުގެ އަގު ކުޑަނުކުރެވިގެން އުޅެނީ އެމްޑީޕީ ސަރުކާރުން އެމްޑަބްލިޔުއެސްސީގެ ޚިއްސާ ވިއްކާލާފައި އޮތުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  ނަމަވެސް އެމްޑަބްލިޔުއެސްސީގެ މަސައްކަތްތައް ތަރައްޤީކުރަމުން ދާ މަސައްކަތުގެ ތެރެއިން ފެނުގެ ޚިދުމަތުގެ އަގު ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/15074833863563.jpg|ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެމްޑަބްލިޔުއެސްސީ

މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ދިނުމަށް ކުރިޔަށް ގެންދާ ޕްލޭންގެ ދަށުން، މާލޭއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯރކް ގުޅުވާލުމަށްޓަކައި ބްރިޖު މެދުވެރިކޮށް ހޮޅިލައިން އަޅައި، ގްރޭޓަރ މާލޭ ރީޖަންއަށް ފެނުގެ ހިދުމަތް ދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި މަޝްރޫޢުގެ  މަޤްޞަދަކީ، ހުޅުމާލެ ތަރައްޤީ ކުރުމުގެ ފުރަތަމަ ފޭސްގެ ދަށުން ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން ސެންޓަރަކަށް ހުޅުމާލެ ބަދަލުވެ މާލެ އަދި ހުޅުމާލެ ބޭނުންވާ ފެން ކޮންމެ ހިނދެއްގައި ބްރިޖް މެދުވެރިކޮށް ޕަމްޕު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ.