ޚަބަރު

ރާއްޖެ ޓީވީ 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި


ރާއްޖެ ޓީވީން ދެއްކި ކޮންޓެންޓަކާ ގުޅިގެން އެ ޓީވީ ފަސްސަތޭކަ ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. 

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ޓީވީ ޖުރިމަނާކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ އަށާވީސްވަނަ ދުވަހުގެ ރޭ އެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ދެއްކެވި، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ގެނެސްދިން މައްސަލާގައިކަމަށެވެ.

އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށައެޅި މައްސަލަ ބަލާ ނިންމުމަށްފަހު ބޯރޯޑްކޮމް ނެރުނު ބަޔާނުގައިވަނީ ރާއްޖެ ޓީވީން ގެނެސްދީފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެންކަމަށެވެ. އެ ކޮންޓެންޓަކީ، ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށާއި، ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ކޮންޓެންޓެއްކަމަށެވެ. އަދި ޤާނޫނުއަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއްވެސް އެ ކޮންޓެންޓްގެ ތެރޭގައި ހިމެނޭކަމަށްވެސް ބްރޯޑްކޮމްގެ ބަޔާނުގައިވެއެވެ.  

މި މައްސަލާގައި ރާއްޖެ ޓީވީ ފައްސަތޭކަހާސް ރުފިޔާއިން ޖުރިމަނާކޮށް، އެއް މަސްދުވަހުގެ ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރާއްޖެ ޓީވީއަށް އަންގާފައެވެ.