ޚަބަރު

ސިންގަޕޫރުގެ ތިމާވެއްޓާބެހޭ ވަޒީރު ރައީސާ ބައްދަލުކުރައްވައިފި


ސިންގަޕޫރުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ވޯޓަރ ރިސޯސަސް މަސަގޯސް ޒުލްކިފްލީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ވޯޓަރ ރިސޯސަސް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ސިންގަޕޫރުގެ ރައީސާއަށާއި ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ސިންގަޕޫރުގެ މިނިސްޓަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދުގައި ޤާއިމުކުރެވިފައިވާ 42 އަހަރުވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މަސަގޯސް ޒުލްކިފްލީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމަކީ ސިންގަޕޫރު ސަރުކާރުން ވަރަށް އަހަންމިއްޔަތުކަން ދޭ ގުޅުމެއްކަމުގައި ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ދެޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކާ ދެމެދު އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ވެސް މުހިންމުކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ޓެރަރިޒަމް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަސަގޯސް ޒުލްކިފްލީ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަރުކާރުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފުކުރެއްވިއެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ކަނޑުގެ ދިރުމަށް އަޅާލާ ރައްކާތެރިކަންދިނުމުގައި ރާއްޖެއަކީ ނަމޫނާ ޤައުމެއްކަމަށާއި، ޤުދުރަތީގޮތުން ރާއްޖެއަކީ ތިރި ޖަޒީރާ ޤައުމެއްކަމުން ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޙައްލުތަކެއް ލިބިގެންދާނެ ވަގުތަކަށް ރާއްޖެ އިންތިޒާރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުންވަނީ ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދާއިރާއިންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.