ޚަބަރު

ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސްގެ ޚިދުމަތް ދިވެހިންނަށް!


އިނގިރޭސިވިލާތުގެ އެއަރޕޯޓްތަކާއި ޔޫރަޕުގެ ބައެއް ޚާއްސަ ބަނދަރުތަކުގައި ޤާއިމުކޮށްފައިވާ "ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސް"ގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ އިތުރުކޮށް އިނގިރޭސިވިލާތުގެ ސަރުކާރުން އެކަން އިޢުލާންކޮށްފިއެވެ.

މި ޚިދުމަތަކީ އިނގިރޭސިވިލާތަށާއި ޔޫރަޕުގެ ބައެއް ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވަރަށް ބޭނުންތެރި އަދި ލުއިފަސޭހަކަމާއެކު ޤައުމުތަކަށް އެތެރެވުމަށް ބޭނުންކުރެވޭނެ މުހިންމު ޚިދުމަތެކެވެ.

މި ޚިދުމަތުގައި ރަޖިސްޓްރީވާ ދިވެހިންނަށް، ވައިގެ ބަނދަރުތަކުގައި ހުންނަ އީ ޕާސްޕޯޓްގެ ގޭޓުތައް ނުވަތަ ޔޫކޭ އާއި އީޔޫއަށް ޚާއްޞަކުރެވިފައިވާ ޕާސްޕޯޓު ކިއުގައި ބައިވެރިވެވި، އިމިގްރޭޝަން އޮފިސަރަކާ އިތުރު މަޝްވަރާއެއް ކުރުމަކާނުލާ ޤައުމަށް އެތެރެވެވޭނެއެވެ. އަދި މި ޚިދުމަތުގައި ބައިވެރިވެފައިވާ ފަރާތްތަކުން ޤައުމަށް އެތެރެވާއިރު، އެއަރޕޯޓުގެ އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ "ލޭންޑިން ކާޑު" ވެސް ހުށަހަޅާކަށް ނުޖެހޭނެއެވެ. މި ގޮތުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އެއަރޕޯޓުތައް ކަމުގައިވާ ގެޓްވިކް، ހީތްރޯ، ލަންޑަން ސިޓީ، ލޫޓަން، ސްޓެންސްޓެޑް އެއަރޕޯޓް، މެންޗެސްޓަރ ، ބަރމިންގހަމް، އީސްޓް މިޑްލަންޑްސް އާއި އެޑިންބަރާ އެއަރޕޯޓުގައި މި ޚިދުމަތްވަނީ ޤާއިމްކޮށްފައެވެ. އަދި ޔޫރޯ ސްޓާރ ޓަރމިނަލްތައް ކަމުގައިވާ ބްރަސަލްސް، ލީލް އަދި ޕެރިހުގައިވެސް ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސްގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. މި ޚިދުމަތުގައި ބައިވެރިވެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓެއް އޮތުމާއެކު، ޚިދުމަތަށް ދައްކަންޖެހޭ އަހަރީ ފީއެއް ދައްކައި، "ރެޖިސްޓަރޑް ޓްރެވެލަރ" އެއްގެ ގޮތުގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމުންނެވެ. މި ގޮތުން ޚިދުމަތަށް ރަޖިސްޓަރީ ކުރެވުމުން އަހަރުން އަހަރަށް މެންބަރޝިޕް އައު ކުރެވޭނެއެވެ.

މި ޚިދުމަތް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން މިހާތަނަށް ދީފައިވަނީ ހަމައެކަނި 40 ޤައުމަކަށެވެ. އަދި 5 އޮކްޓޫބަރު 2017 އިން ފެށިގެން މި ޚިދުމަތް ހޯދުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބުމުން، މި ޚިދުމަތް މިހާރުވެސް ހޯދަމުންދާ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ، އަދި ޖަޕާން ފަދަ ޤައުމުތަކުގެ ރައްޔިތުންނެކޭ އެއްފަދައިން ދިވެހިރައްޔިތުންނަށްވެސް ލުއި ފަސޭހަކަން ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

މި ޚިދުމަތުގައި ބައިވެރިވުމަށް މަގުފަހިވެގެން މިދިޔައީ ދިވެހިން އިނގިރޭސިވިލާތަށާއި ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރާއިރު އެއަރޕޯޓުގައި ހޭދަ ކުރަންޖެހޭ ވަގުތު އިތުރުވާތީ އުފުލަމުންދާ ތަކުލީފު ކުޑަކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިނގިރޭސިވިލާތަކީ ދިވެހިން ތަޢުލީމު ޙާސިލުކުރުމަށާއި ވިޔަފާރީގެ މުޢާމަލާތުތަކަށް މުހިންމު ޤައުމަކަށް ވީހިނދު، މިހާރުވެސް ދިވެހިން އިނގިރޭސިވިލާތަށް ކުރާ ޢާންމު ދަތުރުތަކަށް ހިލޭ "އޮން އެރައިވަލް" ވިސާ ލިބޭނެގޮތް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިން އިނގިރޭސިވިލާތުގައި ތައުލީމު ޙާސިލުކުރުމަށް ވިސާ ހޯދުމުގައިވެސް ފަސޭހަ އިންތިޒާމުތަކެއް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.

އިނގިރޭސިވިލާތުގެ އެއަރޕޯޓްތަކާއި ޔޫރަޕުގެ ބައެއް ޚާއްސަ ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ "ރެޖިސްޓަރޑް ޓްރެވެލަރ ސަރވިސް"ގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަކީ އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާއެކު އޮންނަ ތާރީޚީ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ރަމްޒުކޮށްދޭ ކަމެކެވެ.