ޚަބަރު

މާބައިދޫ ޕެޓްރޯލް ޝެޑްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ހައްދުންމަތީ މާބައިދޫ ޕެޓްރޯލް ޝެޑްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް ކަމެއް ވެފައެއް ނުވެއެވެ. ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން، ފޯމް ބޭނުންކޮށްގެން މިހާރު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އަލިފާން ނިއްވުމަށް އާންމު ރައްޔިތުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އަލިފާން ނިއްވާލެވިފައިވަނީ 12:40 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ހާދިސާގައި ގުދަނާ އިންވެގެން ހުރި ފިހާރައަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މާބައިދު ކައުންސިލްގެ ރައީސް ޢަލީ ފައިސަލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގުމާއެކު ކައުންސިލާ ރައްޔިތުން ގުޅިގެން ކައިރި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރިކަމަށެވެ.

އަލިފާން ރޯވީ އެރަށުގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ އަމިއްލަ މީހެއްގެ ގުދަނެއްގައެވެ.

އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ތަޙްޤީޤްކުރަމުންނެވެ.