ޚަބަރު

ޖުމްހޫރީ ދުވަހާއި ޤައުމީ ދުވަސް އެއްދުވަހެއްގައި ފާހަގަކުރަނީ


މިއަހަރުގެ ޖުމްހޫރީ ދުވަހާއި ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އެއް ރަސްމިއްޔާތެއްގެ ގޮތުގައި، ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 16ވާ ބުރާސްފަތި ދުވަހުގެރޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި މިގޮތަށް ހަމަޖެއްސެވީ، މި އަހަރުގެ ޤައުމީ ދުވަސް ދިމާވަނީ، ނޮވެންބަރު މަހުގެ 19ވާ އާދީއްތަ ދުވަހާ ކަމަށްވާތީއާއި، މިއަހަރު ޖުމްހޫރީ ދުވަހާއި ޤައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ، މި ދެ މުނާސަބަތާ ގުޅުވައިގެން އެއް ޖަލްސާ ބޭއްވެވުމުގެ ގޮތުންކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތުދެއްވައެވެ.

މި ޖަލްސާގައި، ސަރުކާރުން ކޮންމެ އަހަރަކުވެސް ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނެއެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު މިއަހަރު ހާސިލުކުރެއްވި ޙާފިޡުންނަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބޭ ފަރާތްތައް ހޮއްވެވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ލިބޭ ފަރާތްތައް ކަނޑައެޅުއްވުމުގެ މަސައްކަތްވެސް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކުރައްވަމުން ގެންދަވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއްވައެވެ.