ޚަބަރު

ޕައިލެޓުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފަށަނީ


އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދިވެހިންނަށް އަމާޒްކޮށްގެން ޕައިލެޓުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފެށުމަށް ނިންމައިފިއެވެ.

މި ކޯސްތައް މިއަހަރުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިޘް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެންދާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއާއިއެކު ރިސޯޓްތަކަށް ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ އެ ޑިމާންޑާއި އެއްވަރަށް ޑޮމެސްޓިކް ފްލައިޓްތައް އިތުރުކުރަންޖެހޭއިރު ގިނަ އަދަދެއްގެ ޕައިލެޓުންވެސް ބޭނުންވާނެ ކަމަށެވެ. އަދި މިހާރުވެސް ޕައިލެޓުން ލިބުމުގައި ދަތިތައް ހުރި ކަމަށާއި، އެހެން ކަމުން މި ކޯސްތައް ފެށުމުގެ މައިގަނޑު އެއް ބޭނުމަކީވެސް މިކަމަށް ތައްޔާރުވުންކަމަށް ހާރިޘް ވިދާޅުވިއެވެ.

މި ކޯސްތައް ހިންގާނެ ވަކި ގޮތެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ކޯސްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހާތިޘް ވިދާޅުވިއެވެ. އައިލެންޑް އޭވިއޭޝަންގައި މިހާރުވެސް ސަތޭކައަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ އަދާކުރަމުންދާއިރު، އޭގެ ތެރެއިން ނުވަދިހަ އިންސައްތަ އަކީ ދިވެހި ޕައިލެޓުންކަން ފާހަގަކޮށްލެވެއެވެ.