ވިޔަފާރި

"މަހާ ޖައްރާފު" މިމަހު 30 ވަނަ ދުވަހު ރާއްޖެ ގެނެވޭނެ- އެމްޓީސީސީ


އެމްޓީސީސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" މިމަހު 30 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި ޑްރެޖަރ މިހާރު ރާއްޖެ އައުމަށް ޗައިނާއިން ފުރާފައިވާ ކަމަށެވެ.

"މަހާ ޖައްރާފު" ރާއްޖެ ގެނައުމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވަނީ ވިދާޅުވެފައެވެ. ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ބަނދެފައިވާ މަހާ ޖައްރާފު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

"މަހާ ޖައްރާފު" ބަނދެފައިވަނީ ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ" ގެ ބޯޓު ޔާޑުގައެވެ. މަހާ ޖައްރާފަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ. މި ޑްރެޖަރ ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.