ދުނިޔެ

ނައިޖަރުގައި އެމެރިކާ ސިފައިން ތިބޭކަން ހާމަވެއްޖެ


މެދުތެރޭ އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރުގައި އެމެރިކާ ސިފައިންގެ ހަތަރު މީހުން މަރާލުމުން އެ ގައުމުގައި އެމެރިކާ ސިފައިން ގާއިމުވެ ތިބޭކަން ހާމަވެއްޖެއެވެ.

އެމެރިކާ ސިފައިން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި، ނައިޖަރުގައި ތިބޭ އެމެރިކާ ސިފައިންގެ ތެރެއިން ހަތަރު މީހުން މިދިޔަ ހަފުތާގައި މަރާލާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެ ހަތަރު މީހުން މަރާލީ އެމެރިކާ ސިފައިންނަށް އަމާޒުކޮށްގެން ނައިޖަރުގެ ހަތިޔާރު އެޅި ޖަމާއަތަކުން ދިން ޙަމަލާތަކެއްގައިކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯނާއި އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ހުކުރު ދުވަހު ފޯނުން ކުރެއްވި މަޝްވަރާތައްވެސް ބިނާކުރެއްވީ، ނައިޖަރުގައި އެމެރިކާ ސިފައިންގެ ހަތަރު މީހުން މަރާލި ހާދިސާގެ މައްޗަށެވެ. އެ ހާދިސާ ހިނގުމުގެ ކުރިން އެމެރިކާ ސިފައިން ނައިޖަރުގައި ތިބޭކަމަކީ ޢާއްމުކޮށް ހާމަކޮށްފައިވާ މަޢުލޫމާތެއް ނޫނެވެ.

އެމެރިކާ ސިފައިންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކުގައި ނައިޖަރު ސިފައިންގެ ހަތަރު މީހަކުވެސް މަރުވެފައިވެއެވެ. އަދި އެމެރިކާ ސިފައިންގެ އިތުރު ދެ މީހުން ޒަޚަމްވެފައިވެއެވެ.