ދުނިޔެ

މިސައިލް ޕްރޮގްރާމް ތަރައްޤީކުރަނީ އަމިއްލަ ދިފާއުގައި- އީރާން


އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އަމިއްލަ ދިފާއުގައި ތަރައްގީކުރާ ޕްރޮގްރާމެއްކަމަށް އެގައުމުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ބަހްރާމް ގާސިމީ ވިދާޅުވީ އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމާ ބެހޭގޮތުން، ނުވަތަ އެ ޕްރޮގްރާމު މަޑުޖައްސާލުމާ ބެހޭގޮތުން، އެއްވެސް ފަރާތަކާއެކު އީރާނުން ވާހަކަ ނުދައްކާނެ ކަމަށާއި، ގައުމުގެ ދިފާއުގައި ހަތިޔާރު އުފެއްދުމުގެ ހައްގު އެހެން ގައުމުތަކެކޭ އެއްގޮތަށް އީރާނަށްވެސް އޮންނާނެކަމަށެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ އދގެ އެއްވެސް ގަރާރަކާ އިދިކޮޅު ޕްރޮގްރާމެއް ނޫންކަމަށާއި، އެ ޕްރޮގްރާމާ މެދު ކަންބޮޑުވަނީ އިސްރާއީލާއި އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ވާގިވެރިވާ އެމެރިކާއިން ކަމަށްވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ވިދާޅުވިއެވެ. އީރާނުން އަމިއްލަ ގައުމުގެ ދިފާއުގައި ބަލިސްޓިކް މިސައިލް ފަދަ ޒަމާނީ ހަތިޔާރު ތަރައްގީ ކުރަނީ އެމެރިކާއާއި އިސްރާއީލު ފަދަ އުދުވާނީ ގައުމުތަކުން ދީފާނެ އުދުވާނީ ހަމަލާތަކަކުން ދިފާއުވުމުގެ މަގްސަދުގައި ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އީރާނުން މިހެން ބުނީ އެ ގައުމުން ކުރިޔަށްގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުމުގެ ރޫޙާ ޚިލާފު ކަމެއްކަމަށް އިޝާރާތް ކުރައްވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނެއްގެ ރައްދުގައެވެ.