ތަޢުލީމު

ދެހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މަތީސާނަވީ އިމްތިހާން ފަށައިފި


2039 ދަރިވަރުންނާއެކު، އޭލެވެލް އާއި އެޗް.އެސް.ސީ އިމްތިޙާން މިއަދު ފަށައިފިއެވެ.

އޮކްޓޫބަރު، ނޮވެމްބަރުމަހު މަތީ ސާނަވީ ދަރިވަރުންނަށް ބާއްވާ މި އިމްތިޙާން މިއަހަރު ރާއްޖޭގެ 38 މަރުކަޒެއްގައި ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މާލޭގެ 3 ސްކޫލަކުން 1037 ދަރިވަރުން އިމްތިޙާންގައި ބައިވެރިވާއިރު، އަތޮޅުތަކުގެ 34 ސްކޫލަކުން 934 ދަރިވަރުން އިމްތިޙާންގައި ބައިވެރިވެއެވެ.

މީގެއިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ޕްރައިވެޓް ސެންޓަރުގެ ނަމުގައި އަމިއްލަގޮތުން 68 ދަރިވަރުން އެޑެކްސެލް އިމްތިޙާންގައި ބައިވެރިވެއެވެ. އަދި އަމިއްލަގޮތުން އެޗް.އެސް.ސީ އިމްތިޙާންގައި 5 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އިމްތިހާން ފެށުމުގެ ގޮތުން މިއަދާއި، މާދަމާ ކުރިއަށްގެންދަނީ ދިވެހިބަހުގެ ޓެސްޓާއި އިސްލާމް މާއްދާގެ ޓެސްޓެވެ. މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް އޭ ލެވެލް އިމްތިޙާންތައް ކުރިއަށްދާނެއެވެ. މިއަހަރުގެ މެއި ޖޫންގައިވެސް އޭ ލެވެލް އިމްތިހާން ބާއްވާފައިވެއެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން މެއި ޖޫންގައި ބާއްވަމުން އައި އިމްތިޙާން ނުބާއްވާގޮތަށް ނިންމާ، ހަމައެކަނި އޮކްޓޫބަރާއި ނޮވެމްބަރުގައި އޭ ލެވެލް އިމްތިހާންތައް  ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.