ތަޢުލީމު

"އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ ފުރުޞަތު ވަނީ ފަހިވެފަ"


ރާއްޖެއަށް އަންނަ ތަރައްޤީއާއި އެއްދުވެއްޔެއްގައި ފައިހަމަކުރުމަށް އެކި ދާއިރާތަކުން ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތު މި ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފެށި މަތީ ސާނަވީ މަރުޙަލާ އިމްތިޙާންގައި ބައިވެރިވާ ދަރިވަރުންނަށް ފޮނުއްވި ހެޔޮ އެދުމުގެ މެސެޖްގައެވެ.

މިނިސްޓަރގެ މެސެޖުގައި، އޭލެވެލް އިމްތިޙާނާއި، ރާއްޖޭގެ ޤައުމީ އިމްތިޙާން، އެޗް.އެސް.ސީގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ތަޢުލީމީ ނިޒާމްގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭ ފުރުޞަތު އިތުރުކޮށް، ދަރިވަރުން ޝައުޤުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު އަދުގެ ތަޢުލީމީ ނިޒާމްގެ ތެރެއިން ފަހިވެފައިވާ ކަންވެސް މިނިސްޓަރގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ތަޢުލީމީ ނިޒާމުގެ ތެރެއިން ފަހިކޮށްދީފައިވާ ފުރުޞަތުގެ ބޭނުން ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ހިފަމުންދާކަން މިނިސްޓަރގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މަތީ ސާނަވީ އިމްތިޙާންތައް ނިންމުމަށްފަހު، އާއިލާއަށާއި، ޤައުމަށް ޚިދުމަތްކުރާ އުފެއްދުންތެރި ބަޔަކަށްވުމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.