ޚަބަރު

"އާމްޑް ފޯސަސް ޑޭ"ގެ ތަހުނިޔާ މިސްރުގެ ރައީސަށް ފޮނުވައިފި


މިޞްރުގައި ފާހަގަކުރަމުންދާ "އާމްޑް ފޯސަސް ޑޭ" ގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީއަށާއި، ބޮޑުވަޒީރު ޝަރީފު އިސްމާޢީލަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މިޞްރުގެ ރައީސަށާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އާމްޑް ފޯސަސް ޑޭއަކީ އިޒްރޭލު ސިފައިންގެ އަތް ދަށުން މިޞްރުގެ ސީނާ ސަރަހައްދު ސަލާމަތް ކުރެވުމާ ގުޅިގެން ފާހަގަކުރާ ދުވަހެކެވެ.