ވިޔަފާރި

މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެ


ފާއިތުވި ޖުލައި މަހު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރާއި މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވަރަށްބޮޑަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ، އެންމެ ފަހުގެ އިޤްތިސާދީ ރިވިއުގައިވާ ގޮތުން، މިއަހަރުގެ ޖުލައިމަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 8.1 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ 3.1 ހާސް މެޓްރިކް ޓަން އިތުރުވެފައެވެ.

މަސް އެކްސްޕޯޓް ކުރި މިންވަރާއި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ މައިގަނޑުގޮތެއްގައި އިތުރުވެފައިވަނީ ގަނޑުކުރި ކަންނެލި އަދި ތާޒާ ނުވަތަ ފިނިކުރި ކަންނެލި އެކްސްޕޯޓް ކުރިވަރު އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

ޖުލައި މަހު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރާއި މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް އޮގަސްޓް މަހު ރާއްޖޭގެ ކުންފުނިތަކަށް މަސް ކިރުވި އަދަދުވަނީ ހުސްވި އަހަރުގެ އޮގަސްޓްމަހާ އަޅާ ބަލާއިރު %3 ދަށަށް ގޮސްފައެވެ. އެގޮތުން އޮގަސްޓް މަހު ރާއްޖޭގެ ކުންފުނިތަކުން 2689 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ އިރު، މިއީ ފާއިތުވެދިޔަ ޖުލައި މަހާ އަޅާބަލާއިރު %5 ދަށް ޢަދަދެކެވެ.