ޚަބަރު

ޓޫރިސްޓް ޕޮލިސްގެ ހިލޭ ގުޅޭ ނަންބަރު 1478 އިފްތިތާޙުކޮށްފި


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަހަރުން އަހަރަށް ފުޅާވަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދެމުންގެންދާ އެންމެ މުހިންމު ޚިދުމަތަކީ ޓޫރިސްޓް ޕޮލިސްގެ ޚިދުމަތެވެ. ފަތުރުވެރިންނަށް ދިމާވާ މައްސަލަތައް ރިޕޯޓްކުރުމަށް، ޓޫރިސްޓް ޕޮލިސްގެ ޔުނިޓެއް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގައި ޤާއިމްކޮށްފައިވެއެވެ. އަދި މާލެއާއި ހުޅުމާލޭގައިވެސް ޓޫރިސްޓް ޕޮލިސްގެ ޚިދުމަތް ދެމުންދެއެވެ.

ޓޫރިސްޓް ޕޮލިސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، އަލަށް ދޭންފެށި، ހިލޭ ގުޅޭނަންބަރު ސާދަ ހަތްދިހަ އަށެއްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ފަތުރުވެރިންނަށް އަމާޒުކޮށް ހިލޭ ގުޅޭ ނަންބަރެއް ހެދުމަކީ އާދައިގެ ކުޑަ ކަމަކަށް ވިޔަސް، މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ނިސްބަތަށް ބަލާއިރު، މިއީ ބޮޑު ކަމެއްކަމަށެވެ. ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދާއި، މަންޒިލްތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ފަތުރުވެރިންނަށް މިއަދު އެންމެ ބޭނުން އެއް ޚިދުމަތަކަށްވެފައިވަނީ ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކޮށް ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15071292025076.jpg|ޓުއަރިސްޓް ޕޮލިސްގެ ހިލޭ ގުޅޭ ނަމްބަރު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"ރައްކާތެރިކަމާއެކު ރާއްޖެ އައިސް ފަތުރުވެރިންނަށް އުޅެވޭކަމަށްވާނަމަ އިތުރު ފަހަރުތަކުގައި އަންނަންވެސް އެ ފަތުރުވެރިން ޝައުގުވެރިވާނެ ކަމާމެދު ޝައްކެއްނެތް. ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވުމަށް އެހީތެރިކަމަށް އެދޭނެ ފަރާތަކީ ޝައްކެއްވެސް ނެތް ގޮތުގައި ޓޫރިސްޓު ޕޮލިސް. މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ. އަދި ފަތުރުވެރިންނަށް ރައްކާތެރިކަން ޔަގީންވާނެ" ހޯމް މިނިސްޓަރ 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓޫރިސްޓް ޕޮލިސްގެ ޚިދުމަތް އުފައްދާފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ހިލޭ ގުޅޭ ނަންބަރެއްގެ ޚިދުމަތް ފަތުރުވެރިންނަށް ލިބިފައިނެތްކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޓޯލް ފްރީ ނަމްބަރު،  އެއާޕޯޓްގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

"މިފަދަ ކުރިއެރުންތައް ފުލުހުންގެ ހިދުމަތަށް ލިބުމަކީ ބައިނަލްއަޤްވަމީ ދުނިޔޭގައި ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް މުހިންމެ ވެގެން ދިޔަ ސަބަބަކަށް ވާނެ. އަދި ރާއްޖޭގެ އިގްތިސޯދު ބިނާވެފައި އޮންނަ ޓޫރިޒަމް ދާއިރާ ތަރައްގީކުރަން އެކި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ މިދަނޑިވަޅުގައި ފުލުހުން ދައްކައިދީފައި މިވަނީ ނަމޫނާއެއް" ހޯމް މިނިސްޓަރ 

ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް، ޓޫރިސްޓް ޕޮލިސްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަކަށް ޙައްލުކޮށްދީ، ފަތުރުވެރިން އުފާވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކޮށްފައިވެއެވެ. ތަފާތު ޤައުމުތަކުގެ ތަފާތު ބަސްބަހުން ވާހަކަދައްކާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު، ޓޫރިސްޓް ޕޮލިސްގެ ފަރާތުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، އެކި ޤައުމުތަކަށް ފުލުހުން ފޮނުވައިގެން ބަހުގެ ތަމްރީންތައް ދެމުންދާކަންވެސް ފާހަގަކުރެވެއެވެ.