ޚަބަރު

މިހާތަނަށް ކޮންޓެންޓާ ގުޅޭ 219 ޝަކުވާއެއް ހުށަހެޅިފައިވޭ- ޝަހީބް


ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވައިދާ ހަމަތަކާއި އެއްގޮތަށް ފޮނުވާ ކޮންޓެންޓްކަން ކަށަވަރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރާ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ޝަހީބް ދެއްވި ޚިޠާބްގައި ވިދާޅުވީ ބްރޯޑްކާސްޓްކުރާ ކޮންޓެންޓާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ހުށަހެޅެމުން އަންނަކަމަށެވެ. މިގޮތުން ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް ކޮންޓެންޓާއި ގުޅޭ 219 ޝަކުވާއެއް ހުށައަޅާފައިވާއިރު އޭގެ ތެރޭގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ ޤާނޫނުގެ ދަށުން 12 ޝަކުވާ ހިމެނޭކަން ޝަހީބު ފާހަގަކުރެއްވިއެވެ.

ޝަހީބް ވިދާޅުވީ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަމާއި ފެންވަރު ބެލުމުގެ މަސައްކަތް ކެނޑިނޭޅި އެ ކޮމިޝަނުން ކުރަމުންދާކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތު ރާއްޖެއިން ބޭރުން ހޯދައިދުނުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ ކޮމިޝަނަށް މިހާތަނަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 240 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާތައްކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން ބަލައި ނުނިމިވަނީ 17 ޝަކުވާއެއްކަމަށާއި މީގެ ތެރޭގައި ހިމެނެނީ ލައިސަންސްގެ މައްސަލަތަކާ ގުޅޭ 11 ޝަކުވާއާއި އަބުރާ ގުޅުންހުރި 4 މައްސަލައެއްކަމަށް ޝަހީބު ވިދާޅުވިއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް 43 ލައިސަންސް ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި 31 ޓީވީ ޗެނަލާއި 12 ރޭޑިއޯ ޗެނަލްގެ ލައިސަންސް ހިމެނެއެވެ. އަދި މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމަށް ނުވަތަ ކޭބަލް ޓީވީ ޚިދުމަތް ދިނުމަށް 122 ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް 5 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވެއެވެ.