ތަރައްްޤީ

މިއަހަރުގެ ނިޔަލަށް 15 ނުވަތަ 16 ބަނދަރުގެ މަސައްކަތް ނިމޭނެ!


މިއަހަރުގެ ނިޔަލަށް 15 ނުވަތަ 16 ބަނދަރެއްގެ މަސައްކަތް ނިމޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ އެކުންފުނިން ތަރައްޤީކުރަމުންދާ ބަނދަރުތަކުގެ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. ބަނދަރު ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫގެދަށުން އެ ކުންފުނިން އަންނަނީ ތިރީހަށްވުރެ ގިނަ ރަށުގެ ބަނަދަރު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ. މި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާއިރު ވޭތުވެ ދިޔަ އޮގަސްޓް މަހުގެތެރޭގައި، ނ.ވެލިދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމިފާފައި ވާކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

ވެލިދޫ ބަނދަރު ތަރައްޤީކޮށްފައިވަނީ އުޅަނދުތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެގޮތަށް ތަނަވަސް ބަނދަރެއްގެ ގޮތުގައެވެ. ވެލިދޫ ބަނދަރަކީ 1000 ފޫޓު ދިގު 500 ފޫޓު ފުޅާ ބަނދަރެކެވެ.

img:http://s1.psmnews.mv/images/660x400/14846441822463.jpg|ނ. ވެލިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް - ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، ނ.މާޅެންދުއާއި ޅ.ކުރެންދޫގެ ބަނދަރުވެސް ނިމުމާއި ގާއްވެފައިވާކަމަށާއި، މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. އެގޮތުން މި ބަނދަރުތައް ޑީމޮބަލައިޒް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ހުޝާމް ވިދާޅުވިއެވެ. އެމްޓީސީސީން ބުނީ އެކުންފުނިން މިހާރު ކުރިއަށްގެންދާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން މިހާރު އެންމެބޮޑު މަޝްރޫޢުއެއްގޮތުގައި ކުރިއަށްގެންދަނީ ހ.ދ ނޮޅިވަރަންފަރާއި އެއަތޮޅު ނޮޅިވަރަމްގެ ބަނދަރުކަމަށެވެ.

"ނޮޅިވަރަމް ބަނދަރު ތިލަކުރުމަށް އައިނުގަނޑު އެއްކޮށްނަގައި، އެރަށަށް ހިލަ ގެންގޮސް ހިލަ ޖެހުމަށް ވާންޖެހޭ ތައްޔާރީތައް މިޙާރުވަމުންދަނީ. ނޮޅިވަރަންފަރު ބަނދަރުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގައި އެލް ބްލޮކްބެހެއްޓުމުގެ މަސައްކަތާއި ވޯލް ކާސްތް ކުރުމުގެ މަސައްކަތްތައް" ހުޝާމް ވިދާޅުވިއެވެ.

ޚުޝާމް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ގިނަ ދަތިތަކާއި ކުރިމަތިވާކަމަށެވެ. އެގޮތުން މޫސުން ގޯސްވާ ދުވަސްވަރު މަސައްކަތައް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ޚުޝާމް ވިދާޅުވިއެވެ. އަދި ހިލައާއި، އެކިއެކި ހެވީ މެޓީރިއަލް ރަށްރަށަށް ގެންދިއުމާއި، ރަށަށް އެރުވުމުގައި ދަތިތައް ކުރިމަތިވާކަމަށްވެސް ޚުޝާމް ވިދާޅުވިއެވެ.

ހިލަޔާއި ހެވީ މެޓީރިއަލްސް ރަށްރަށާށް އެރުވުމަށް ވަރަށް ދަތިވޭ. ބާޖުތައް ގާތްކުރަން ދަތިވުމުގެ ސަބަބުން ގިނަފަހަރަށް ވެލި ބެޑް ހަދައިގެން ބާޖު ގާތްކުރަނީ. ނަމަވެސް މޫސުންގޯސްވުމާއި، ރާޅު ޖެހުމުގެ ސަބަބުން ބެޑްތައް ގިރާލައި، މަސައްކަތްތަކަށް ޑިލޭވެ ވަރަށް ބޮޑަށް އޮނދަގުތަކާއި ކުރިމަތިވޭ" ހުޝާމް ވިދާޅުވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެމްޓީސީސީން ބުނީ ބަނދަރުތަކުގެ މަސައްކަތްކުރިއަށްދަނީ ޝެޑިއުލާއި އެއްގޮތަށްކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 15 ނުވަތަ 16 ބަނދަރެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަށް އެކުންފުނިން ބުނެއެވެ.

ސަރުކާރުގެ ޢަމާޒަކީ 2018ވަނަ އަހަރު ނިމުމުގެކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށްރަށަށް އެކަށީގެންވާ ބަނދަރު ތަރައްޤީކުރުމެވެ.