ދުނިޔެ

ކަޓަލަން ލީޑަރުން ވަނީ ޑިމޮކްރަސީއާ ޚިލާފުވެފައި- ރަސްގެފާނު


ސްޕެއިންގެ ވަކިވެގަންނަން މަސައްކަތްކުރާ ކަޓަލަން ސަރަހައްދުގެ ލީޑަރުން މި ހަފުތާގައި އެ ސަރަހައްދުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓާއެކު އެ ފަރާތްތައް ވަނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފުވެފައި ކަމަށާއި، އެ ފަރާތްތަކުގެ ސަބަބުން ކަޓަލަން މުޖުތަމަޢުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ސްޕެއިންގެ ރަސްގެފާނު ކިންގް ފިލިޕޭ ހަވަނަ ވިދާޅުވެއްޖެއެވެ.

ކަޓަލޯނިއާގެ މިނިވަން ދައުލަތް ދެތިން ދުވަހުގެ ތެރޭގައި އިޢުލާންކުރާނެ ކަމަށް، ސްޕެއިންގެ މައި ސަރުކާރުން ވަކިވެ، މިނިވަން ދައުލަތެއް ޤާއިމުކުރަން މަސައްކަތްކުރަމުންދާ ކަޓަލޯނިޔާ ސަރުކާރުގެ އިސްވެރިޔާ ، ކާލޮސް ޕުޖިމޮން ވަނީ ވިދާޅުވެފައެވެ. އާދިއްތަ ދުވަހު ސްޕެއިންގެ ކަޓަލޯނިޔާގައި ކުރިއަށްގެންދިޔަ ފެންނަ ނުފެންނަ ވޯޓު ވެގެން ދިޔައީ ހަމަނުޖެހުންތަކުން ފުރިފައިވާ ވޯޓަކަށެވެ.

ކަޓަލަން ސަރަހައްދަކީ ސްޕެއިންގެ މައި ސަރުކާރާ ވަކިން އޮންނަ މިނިވަން ދައުލަތެއްކަމަށް ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މި ފެންނަ ނުފެންނަ ވޯޓަކީ ޤާނޫނީ ގޮތުން ސައްޙަ ވޯޓެއް ނޫންކަމަށް ސްޕެއިންގެ ދުސްތޫރީ ކޯޓުން ކަނޑައެޅުމުން، އެކަން ތަންފީޒުކުރުމުގެ ގޮތުން ވޯޓު ކުރިއަށްގެންދިޔަ ވަގުތު، ސްޕެއިންގެ ފުލުހުން ވަނީ ވޯޓުލާ ބައެއް މަރުކަޒުތަކަށް ވަދެ، އެ ސަރަހައްދުތަކުން ވޯޓު ފޮށިތައްވެސް ގެންގޮސްފައެވެ. ސްޕެއިން ފުލުހުންގެ މި އޮޕަރޭޝަންތަކުގައި އެ ސަރަހައްދުތަކުގައި ވޯޓުލާން ގޮސް ތިބި ނުވަސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ކަޓަލަން ސަރުކާރުން ބުނެފައިވަނީ ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 42.3 އިންސައްތަ މީހުން އާދިއްތަ ދުވަހުގެ ވޯޓުގައި ބައިވެރިވި ކަމަށާއި، މީގެތެރެއިން 90 އިންސައްތަ މީހުން ތާޢިދުކޮށްފައިވަނީ ކަޓަލޯނިޔާގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށްކަމަށެވެ.

img:http://s3.psmnews.mv/images/660x400/15070925507649.jpg|ޚަޓަލޯނިޔާގައި ފުލުހުން ހިންގި އޮޕަރޭޝަނާ ދެކޮޅަށް ބާސެލޯނާގައި ދަނީ މުޒާހަރާކުރަމުން- ފޮޓޯ: ވީއޯއޭ

ވޯޓަށްފަހު ސްޕެއިންގެ ކަޓަލޯނިޔާގައި އަދިވެސް ހަމަނުޖެހުންތައް ހިންގަމުންދާއިރު އެ ސަރަހައްދުގެ ރައްޔިތުންނާ ދެކޮޅަށް ސްޕެއިންގެ ފުލުހުން އަޅަމުންދާ ފިޔަވަޅުތައް ކުށްވެރިކޮށް އެތަށް ހާސް ބަޔަކު ދަނީ ކަޓަލޯނިޔާގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާގައި ޢާއްމު ޚިދުމަތްތައްދޭ ފަރާތްތަކާއި ވިޔަފާރީވެރިންވެސް ބައިވެރިވަމުންދާއިރު ކަޓަލޯނިޔާގެ މައި ސިޓީ، ބާސެލޯނާ ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

މިދަނޑިވަޅުގައި، ގައުމާ މުޙާތަބުކުރައްވާ ވާހަކަ ދައްކަވަމުން ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަވަނަ ވިދާޅުވީ، އާދިއްތަ ދުވަހުގެ ވޯޓު އިންތިޒާމުކުރި ފަރާތްތަކުން ވަނީ ސްޕެއިންގެ ޤާނޫނުތަކާ ޚިލާފުވެފައި ކަމަށާއި، އެ ފަރާތްތަކުގެ ޢަމަލުތަކަކީ ޑިމޮކްރަސީގެ އުސޫލުތަކުން ބޭރު ޢަމަލުތަކެއްކަމަށެވެ. ފިލީޕޭ ވިދާޅުވީ، މި ވޯޓުގެ ސަބަބުން ކަޓަލަންގެ މުޖުތަމަޢުވަނީ ބައިބައިވެފައި ކަމަށާއި، މި ވޯޓުގެ ސަބަބުން މުއްސަނދި ކަޓަލޯނިއާ އިތުރުން ސްޕެއިންގެ އިޤްތިސާދަށްވެސް ނުރައްކާތަކެއް ކުރިމަތިކުރުވާކަމަށެވެ. އެހެންނަމަވެސް، ރަސްގެފާނު ވިދާޅުވީ، ސްޕެއިނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްފަހު، އެ ގައުމު އަލުން އެކަތިގަނޑަކަށްވާނެކަމަށެވެ.

ސްޕެއިންގ ރަސްގެފާނުގެ ޙިތާބުގެ ކުރިން ބީ.ބީ.ސީއަށް ދެއްވި ބަސްދީގަތުމެއްގައި ކަޓަލަން ސަރަހައްދުގެ ރައީސް ކާލޮސް ޕުޖިމޮން ވަނީ، މި ހަފުތާ ނިމޭއިރު ނުވަތަ އަންނަ ހަފުތާ ފަށާއިރު، ކަޓަލަން ސަރަހައްދުގެ މިނިވަން ދައުލަތެއް އިޢުލާންކުރުމަށް އޭނާގެ ސަރުކާރުން ތައްޔާރުވަމުންދާ ކަން ހާމަކުރައްވާފައެވެ. ޕުޖިމޮން ވިދާޅުވީ، ސްޕެއިންގެ މައި ސަރުކާރާއި ކަޓަލޯނިޔާގެ ސަރުކާރާ ދެމެދު އެއްވެސް މުޢާމަލާތްތަކެއް މިވަގުތު ހިނގަމުން ނުދާކަމަށާއި ސްޕެއިންގެ މައި ސަރުކާރުން ކަޓަލޯނިޔާގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރުން ވާނީ ގޯހަކަށް ކަމަށެވެ.