ކުޅިވަރު

ދެމަސްދުވަހު ޕްރެކްޓިސްކޮށް ޒުވާން ކްރިކެޓް ޓީމް ތައްޔާރަށް


އޭސީސީ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ވާދަކުރަން ޒުވާން ޓީމް ތައްޔާރުވަމުން އަންނަތާ ދެމަސް ދުވަސް ވެއްޖެއެވެ. ސްރީލަންކާގެ ކޯޗު ނިލަންތެ ކޫރޭގެ އިރުޝާދުގެ ދަށުން ތައްޔާރުވާ ޓީމަކީ މިހާތަނަށް އެންމެ ދުރާލާ އެންމެ ރަނގަޅަށް މުބާރާތަށް ތައްޔާރުވާ ޒުވާން ޓީމެވެ

 ނިލަންތެ ކޫރޭގެ އިތުރުން ފަރުހަތު ޖަލީލްގެ އެހީތެރިކަންވެސް ޓީމުން ވަނީ ހޯދާފައެވެ. އަދި ޓީމްގެ ފިޓްނަސް ރަނގަޅުކުރުމަށް ފިޓްނަސް އިންސްޓްރަކްޓަރެއްގެ އެހީތެރިކަންވެސް ޓީމުން އަންނަނީ ހޯދަމުންނެވެ. މީގެއިތުރުން މުބާރާތުގެ ކުރިން ސްރީލަންކާގައި ކޭމްޕްކޮށް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެނޭޖަރ އަހުމަދު އިސްހާޤު ބުނީ ވެސްޓް ޒޯނުގައި ވަރުގަދަ ޓީމްތަކެއް އޮތަސް އެޓީމްތައް ބަލިކޮށް ފައިނަލުގައި ކުޅެން އުއްމީދުކުރާކަމަށެވެ. ޓީމް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ.

" ކޯޗުގެ އިތުރުން ފަރުހަތު އަމިއްލަ ގޮތުން އޭނާގެ އެހީތެރިކަން ޓީމަށް ދިން. ފިޓްނަސް ރަނގަޅު ކުރުމަށް ފިއްޓޭގެ އެހީ ހޯދަމުން މިއަންނަނީ. ވެސްޓް ޒޯންގައި ވަރުގަދަ ޓީމްތަކެއް އޮތަސް އުއްމީދަކީ ފައިނަލް ކުޅެ ތަށި ހޯދައިގެން އައުން. " މެނޭޖަރު ބުންޏެވެ.

img:http://s4.psmnews.mv/images/660x400/15070056987319.jpg|މެނޭޖަރ އިސްހާޤު ޕީއެސްއެމް ސްޕޯރޓްސްއަށް މައުލޫމާތުދެނީ: ފޮޓޯ-ޕީއެސްއެމް

ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަދު ބުނީ ގައުމެއް ތަމްސީލް ކުރުމަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށާއި، މި ލިބުނު ފުރުސަތުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މުޅި ޓީމް އޮތީ ތައްޔާރަށްކަމަށެވެ.

" ޤައުމު ތަމްޝީލްކުރަން ފުރުޞަތު ލިބުމަކީ މުޅި ޓީމަށްވެސް ލިބޭ ޝަރަފެއް. ކާމިޔާބު ހޯދަން މަސައްކަތް ކުރާނަން. ޓީމް އޮތީ ތައްޔާރަށް " ޒުވާން ކެޕްޓަން ބުންޏެވެ.

 މިމުބާރާތުގައި ރާއްޖެ ވާދަކުރަން ޖެހެނީ ޤަޠަރާ، ކުވެއިތުގެ އިތުރުން އިރާނާއެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިމަހުގެ ތޭރަ ވަނަ ދުވަހު ވާދަކުރާނީ އިރާނާއެވެ. ދެވަނަ މެޗުގައި މިމަހުގެ ފަނަރަ ވަނަ ދުވަހު ވާދަކުރާނީ ޤަތަރާއެވެ. ފަހު މެޗުގައި މުބާރާތް އޮންނަ ކުވެއިތާ ވާދަކުރާނީ މިމަހުގެ ސޯޅަ ވަނަ ދުވަހުއެވެ.