ވިޔަފާރި

ފޮނަދޫ އެކްސްޕޭންޝަން ޕްރޮޖެކްޓް މި އަހަރު ނިމޭނެ- އެސްޓީއޯ


ކ އަތޮޅު ފުނަދޫގައި އެސް.ޓީ.އޯއިން ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ފުނަދޫގައި ހުންނަ ފިއުލް ޓޭންކަރުންތަކުގައި މިހާރު ރައްކާކުރެވެނީ 29 މެޓްރިކް ޓަނުގެ ތެޔޮކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. ފުނަދޫ އެކްސްޕެންޝަން ޕްރޮގްރާމު ނިމޭއިރު މިހާރު ހުރި ސްޓޯރޭޖް ދެގުނަ ބޮޑުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން ފޮނަދޫ އެކްސްޕޭންޝަން ޕްރޮޖެކްޓް ނިމި ޚިދުމަތްދޭން ފަށާއިރު 47 މެޓްރިކްޓަނުގެ ތެޔޮ ފޮނަދޫގައި ރައްކާކުރެވޭނެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ވިއްކާ ތެޔޮ، ރައްކާކުރާ މިންވަރު އިތުރު ކުރުމަށް އެކުންފުނިން ކ. ފުނަދޫގައި ފަށާފައިވާ މަޝްރޫއުއަކީ ޖުމުލަ 35 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ ތެރޭގައި ސްޓޯރޭޖު ބިލްޑު ކުރުމާއި ބާތިން ރަނގަޅު ކުރުމާއި ފުނަދޫގެ ފަޔާ އެންޑު ސޭފްޓީ ރަނގަޅު ކުރުމުގެ އިތުރުން 28،000 ޓަނުގެ ތެޔޮ ޓޭންކަރެއް ގަތުންހިމެނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ ތެޔޮ ޓޭންކަރު ގަތުމާއި ގުޅޭ މަސައްކަތް ކުރަމުންދާ ކަމަށާއި، ނޮވެމްބަރު މަހު އާ ތެޔޮ ޓޭންކަރު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުނަދޫގައި އެސް.ޓީ.އޯއިން ތެޔޮ ރައްކާކުރާ އިތުރުވުމުން ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯއިން ލަފާކުރެއެވެ.