ކުޅިވަރު

ޖީއެސްގެ މަގާމަކީ ބޮޑު ޗެލެންޖެއް - އަދީލް


ވޮލީގެ ހިންގުން ހަރުދަނާކުރުމަކީ ވަރުގަދަ ޗެލެންޖެއްކަމަށާއި، މިކަމާއި ކުރިމަތިލީ އެކަން ވަރަށް ރަނގަޅަށް އެނގިގެންކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި މިދިޔަ މަހު ހަވާލްވި އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ. 

އަދީލް ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ އެ މަގާމްގައި ކުރިންހުރި މުޙައްމަދު ޝަރަފް މިދިޔަ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރަތަށްފަހު މަގާމް ދޫކޮށްލުމާއި ގުޅިގެންނެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން އަހުމަދު އަދީލް ބުނީ ކުރިމަތީގައި މިއޮތީ ކިހާ ބޮޑު މަސައްކަތެއްކަން އިނގޭކަމަށައި، މިހާރުވެސް ވީއޭއެމްގެ ހިންގުން ހަރުދަނާކުރުމަށް ޕްލޭންތަކެއް ރޭވި މަސައްކަތްކުރަމުންދާކަމަށެވެ. ފާޑުކިޔުންތައް އަންނާނެކަމަށައި، މިކަހަލަ ޒިންމާއެއްގައި އެފަދަ ފާޑުކިޔުންތަކާއި ގޮންޖެހުންތަކަށް ކެތްކޮށްގެންކުރިއަށްދާން އޭނާ ހުރީ ތައްޔާރަށްކަމަށްވެސް އަދީލް ބުންޏެވެ. 

ވޮލީގެ ކޯޗެއްގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވާ އަދީލް ބުނީ މި ފުރުސަތަކީ ވޮލީއަށް ޚިދުމަތްކުރުމުގައި ކުރިއަށްދިޔުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ.

"ހުންނާނެ އުނދަގޫ ކަންތައްތަކެއް، އެކަން އެނގިގެން ހަވާލްވީ، އެކަމަކު ދަތިތަކަށް ކެތްކޮށްގެން ކަންކަން ހާސިލްވާނީ، އަޅުގަނޑު މިހިރީ ހަމަ ކުރިއަށްދާން، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ" ޤައުމީ އަންހެން ވޮލީ ޓީމްގެ ކުރީގެ ކޯޗު އަދީލް ބުންޏެވެ. 

އަދީލްއަކީ މިދިޔަ އަހަރު ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ލަތީފް އިންތިހާބުވެވަޑައިގަތް ފަހުން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި ތިންވަނަ މީހާއެވެ. 

މަގާމަށް ފުރަތަމަ ހަމަޖެއްސީ މުޙައްމަދު އާދަމެވެ. އެހެންނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން ދެން އެ މަގާމްގެ ޒިންމާތައް އަދާކުރީ މުޙައްމަދު ޝަރަފެވެ. ޝަރަފް އިސްތިއުފާދިނީ މިދިޔަ އޮގަސްޓު މަހު އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވޮލީ ކުރިއަރުވަން މަސައްކަތް ނުކުރައްވާކަމަށް ބުނެއެވެ.