ޚަބަރު

މޫސުމީ ބަދަލުތަކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ހުރި ގޮންޖެހުމެއް


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްގޮންޖެހުމަކީ މޫސުމަށް އަންނަމުންދާ ބަދަލުތައްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީން މިއަދު ފެށި ބައިނަލްޢަޤުވާމީ ރިސަރޗް ކޮންފަރެންސް ތެވެލި 2017 ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ އދގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ އެކަތި އަނެކައްޗާއި ގުޅިފައިހުރި އެއްޗެއްކަން ފާހަގަކުރައްވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެކަންކަމަށް ބަރޯސާވެފައިވާ މިންވަރު މިނިސްޓަރ ފާހަގަކުރެވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރވަނީ އެމްއެންޔޫގެ ކޮންފަރެންސްގެ މުހިއްމު ކަންވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން މިނިސްޓަރ އާސިމް ވިދާޅުވީ އެމްއެންޔޫގައި ފެށި މިމަސައްކަތުގެ ފައިދާ ދިވެހިރާއްޖޭގެ އިތުރުން ބޮޑެތި ކުރިއަރާފައިވާ ޤައުމުތަކުގެ ތަރައްޤީގެ ރޭހަށްވެސް ކުރާނެކަމަށެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން މަލްޓި-ޑިސިޕްލިނަރީ ރިސާރޗް : ޓުވާރޑްސް އަ ސަސްޓެއިނަބަލް ސޮސައިޓީ"ގެ ނަމުގައި ޤައުމީ ޔުނިވަރސިޓީން ފެށި މި ކޮންފަރެންސްގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ކޮންފަރެންސްގައި އެމަނިކުފާނު ދެއްކެވި ވާހަފަފުޅުގައި ބަދަލުވަމުންދާ ދުނިޔޭގައި ތަޢުލީމީ ޤާބިލު ބަޔަކު އުފެއްދުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިކޮންފަރެންސްގައި ރާއްޖެއާއި ސްރީލަންކާއާއި އިންޑިއާއި އޮމާންގެ އިތުރުން ޖަރުމަނުވިލާތާއި އޮސްޓްރޭލިއާއިން  ބޭފުޅުން ބައިވެރިވެއެވެ.

މިކޮންފަރެންސްގައި ތަޢުލީމީ ދާއިރާއާއި، އިޤްތިޞާދއ، ސިއްޙަތު، މީޑިއާ އަދި ދީނީ ކަންކަމާއި ސަޤާފަތާއި ޤާނޫނީ ދާއިރާއިން ތަފާތު ދިރާސާތައް ހުށަހަޅާ މަޝްވަރާކުރާނެއެވެ.