ޚަބަރު

“ރަޙުމަތް ކޭމްޕް”ގެ 4 ވަނަ ބުރު ހއ. އަތޮޅުގައި ފަށައިފި


“ރަޙްމަތުއްލިލްޢާލަމީން” ޤައުމީ ކެމްޕެއިންގެ ދަށުން އަތޮޅުތެރެއަށް އަމާޒުކުރާ “ރަޙްމަތް ކޭމްޕް” ގެ 4 ވަނަ ބުރު ހއ. އަތޮޅުގައި ފަށައިފިއެވެ.

“ރަޙްމަތުއްލިލްޢާލަމީން” އަކީ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލައި، އަމާން، އެކުވެރި އަދި އެއްބައިވަންތަ މުޖްތަމަޢެއް ބިނާ ކުރުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ޤައުމީ ކެމްޕެއިނެކެވެ. 

މި ކެމްޕެއިންގެ ދަށުން މިމަހުގެ 1 ވަނަ ދުވަހު މުޅި ހއ.އަތޮޅަށް އަމާޒުކޮށް ފެށި ކޭމްޕްގެ 4 ވަނަ ބުރު ފަށާފައިވަނީ ހއ. ދިއްދޫގައެވެ. މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މި ކޭމްޕް ގެ ޙަރަކާތްތައް ކުރިއަށް ދާއިރު، ސެމިނަރތަކާ ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހއ. ކެލާ، ހއ. އިހަވަންދޫ އަދި ހއ. ހޯރަފުށީގައެވެ.

“ރަޙްމަތުއްލިލްޢާލަމީން” ޤައުމީ ކެމްޕެއިންގެ ދަށުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ސެމިނަރތަކާއި ވޯކްޝޮޕްތައް ބޭއްވުމަށް ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިންނާ މަންދޫބުން ކަނޑައެޅިފައި ހުރި ތާރީޚުތަކުގައި މި ރަށްރަށަށް ގޮސް ކޭމްޕްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.