ތަޢުލީމު

103 ސްކޫލެއްގައި ނެޝަނަލް އެސެސްމަންޓް ފަށައިފި


ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތަޢުލީމާއި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމަށް ގްރޭޑް ހަތަރަކާއި ހަތެއްގެ ދަރިވަރުންނަށް ތިން މާއްދާއަކުން ނޭޝަނަލް އެސެސްމެންޓް ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި އެސެސްމެންޓް މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓްގެ ފަރާތުން ދެހާސް ފަނަރަވަނަ އަހަރާއި ދެހާސް ސޯޅަވަނަ އަހަރުވެސް ގްރޭޑް ހަތަރަކާއި ހަތެއްގެ ދަރިވަރުންނަށް މި އެސެސްމެންޓްތައް ހިންގައި އޭގެ ނަތީޖާ އާންމުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފެށި މި މަސައްކަތުގެ ދަށުން ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް އެސެސްމެންޓް ދީފައިވަނީ ދިވެހި ބަހާއި، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާއިންނެވެ. މި އެސެސްމެންޓުގައި ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ހޮވާލެވިފައިވާ ސަތޭކަ ތިން ސްކޫލެއްގެ ހަ ހާސް ހަތަރުސަތޭކަ ހަތް ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެސެސްމެންޓްގެ މައިގަނޑު މަޤްސަދަކީ ގްރޭޑް ތިނަކާއި ގްރޭޑް ހައެއް ނިންމާ ދަރިވަރުންނަށް، އެސެސްމެންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލްވާންޖެހޭ މިންވަރު ހާސިލުވެފައިވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުހަލާގައި އެ ދަރިވަރުން ޙާސިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުން ކަމަށެވެ.

އެހެންކަމުން މި މައުލޫމާތުގެ އަލީގައި ތައުލީމީ ސިޔާސަތުތައް ބައްޓަންކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ކަންތައްތަކުގެ އިތުރުން ތަޢުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ޤައުމީ ފެންވަރުގައި ދެނެގަނެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.