ކުޅިވަރު

ތާރީޚީ ފައިނަލަށް އިންސާފްކޮށް ދެމަފިރިން ތާރީޚުގެ ތެރެއަށް


ކުޅިވަރަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ކުރީގެ ވޮލީބޯޅަ ކުޅުންތެރިން ގުޅިގެން ފެށި ޒާހިރު ނަސީރު މެމޯރިއަލް ވޮލީބޯޅަ މުބާރާތަކީ ތާރީޚީ މުބާރާތެކެވެ. ތާރީޚީ ފެށުމުން ތާރީޚީ އެތައްކަމެއް ވަނީ ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައެވެ.

ކުރީގެ ކުޅުންތެރިން އެއްތަނަކުން ބައްދަލުވެ، އެކުޅުންތެރިންގެ ފަރާތުން ފެނުނު އެކުވެރިކަމުގެ ތެރެއިން ފާހަގަކުރެވުނު ތާރީޚީ އަނެއް ކަމަކީ މުބާރާތުގެ އަންހެން ފައިނަލް މެޗަށް އިންސާފްކުރަން ތިބި ދެރެފްރީން ތާރީޚުން ޖާގަ ހޯދުމެވެ. ގޮއިދޫ ވޮލީ ޓީމާއި، ޓްރަސްޓާރސް ވާދަކުރި ފައިނަލް މެޗުގެ ފުރަތަމަ ރެފްރީ ނުވަތަ އިސް ރެފްރީއަކީ ޒުވާން ރެފްރީ އާއިދާއަބުދުލްހަކީމެވެ. އޭނާއަށް އެހީތެރިވުމަށް ހުރި ދެވަނަ ރެފްރީއަކީ އޭނާގެ ފިރިމީހާ އިސްމާއީލް އަބުދުﷲއެވެ. މިއީ ވަރަށް ބޮޑު އިއްތިފާޤެކެވެ. ވޮލީބޯޅަ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދެމީހުން އެކަނި އެއް މެޗަކަށް އަދި މީގެކުރިން އިންސާފްކޮށްފައެއް ނުވެއެވެ. ވަކިން ޚާއްޞަކޮށް ތާރީޚީ ފައިނަލް މެޗެއްގައި ދެމީހުން އެކުގައި ރެފްރީކަން ކުރަން ލިބުމަކީ ދެމަފިރިންނަށްވެސް ލިބުނު ބޮޑު އުފަލެކެވެ.

" އަޞްލު އައިއިރަކު ނޭންގޭ އިންމައާއެކުކަމެއް ރެފްރީކަން ކުރަން ޖެހެނީ. އިންމައާއެކު ފުރުޞަތު ލިބުނީމަ ދެން ހަމަ ވަރަށް އުފާވި " ޒުވާން ރެފްރީ އާއި މެޗަށްފަހު އޭނާގެ އުފާވެރިކަން ޙިއްޞާކުރަމުން ބުންޏެވެ.

img:http://s3.psmnews.mv/images/660x400/15069272355163.jpg|މެޗަށްފަހު އާއި ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަދައްކަނީ: ފޮޓޯ-ޕީއެސްއެމް

ވޮލީބޯޅަ ރެފްރީއެއް އިތުރުން ހިންގުމުގެ ދާއިރާގައިވެސް މަސައްކަތްކޮށް، މިހާރުވެސް ބޮޑަށް ހިންގުމަށް ޝައުޤުހުންނަ އިންމަވެސް ބުނީ އަންހެނުންނަށް ތާރީޚީ ފައިނަލެއްގައި އެހީތެރިވާން ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އެފުރުޞަތު ލިބުނީ ކުއްލިއަކަށް ކަމަށް ޒުވާން ރެފްރީ ބުންޏެވެ.

" އައިއިރު ނޭންގެ އާއިއާ އެކީކަމެއް ރެފްރީކަން ކުރަން ޖެހެނީ. އައީމަ ބުނީ އަންހެން މެޗެކޭ އޮތީ. އާއި އަރާށޭ މައްޗަށް. އިންމަ ހުންނާށޭ އާއިއަށް ހެލްޕްވާން. އާއިއަށް ވާނޭ." ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގެ ތެރޭގައިވެސް މަސައްކަތްކުރި އިންމަ ބުންޏެވެ.

އިންމައަށް ލިބުނު އިތުރު ހިތްހަމަ ޖެހުމަކީ އަންހެނުން އެމެޗު ވަރަށް ރަނގަޅަށް ކޮންޓްރޯލްކޮށް ނިންމާލުމެވެ. އިންމަ ބުނީ މުޅި މެޗު ކޮންޓްރޯލްކުރީ އަންހުންކަމަށާއޮ، އޭނާ ކުރި ހަމައެކަނި ކަމަކީ ކުޑަކޮށް އެހީވުން ކަމަށެވެ. އަންހެނުންނަށް ވީތީވެސް ވަރަށް ބޮޑަށް ފަސޭހަވިކަމަށް އޭނާ ބުންޏެވެ.

" މެޗު ފެށުނީއްސުރެ ދެމީހުން ދއައިކޮންޓެކްޓް ވެފަ ތިބީ. އިންމަ ކިރިޔާ އިޝާރާތްކޮށްލާއިރަށް އާއިއަށް އިނގޭ ކީކޭކަން ބުނަނީ. އަޞްލު ވަރަށް ފަސޭހަ. މުޅި މެޗު ކޮންޓްރޯލްކުރީ ހަމަ އާއި " އިންމަ ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15069272657780.jpg|މެޗަށްފަހު އިންމަ ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަދައްކަނީ: ފޮޓޯ-ޕީއެސްއެމް

ތަފާތު ގިނަ މުބާރާތްތަކުގައި ދެމީހުން ވަނީ ރެފްރީކަންކޮށްފައެވެ. އެކުގައިވެސް ވޮލީ ކޯޓްގައި ދެމީހުން ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. ދަރިފުޅުގެ ކަންކަން ދެމީހުން ބަހާލައިގެން ހަމަޖައްސާއިރު، އެކަމަށް ދެން އެހީވަނީ މަންމަކަމަށް ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރަމުން އަންނަ އާއި ބުންޏެވެ.

" އަޞްލު މީހުނަށް ހީވެދާނެ ދެމީހުން އެއްކޮށް އައިސްއުޅޭތީ ވަރަށް ފަސޭހައޭ. އަޞްލު ވަރަށް އުނދަގޫ. ދެމީހުން ބަހާލައިގެން މަންމަގެ އެހީ ހޯދައިގެން ހަމަޖައްސަނީ. މަންމަގެ ހެލްޕް ވަރަށް ބޮޑަށް ލިބޭ " އާއި ބުންޏެވެ.

ދެމަފިރިންގެވެސް ވިސްނުން ހުރީ ވޮލީ ރެފްރީއެއް ގޮތުގައި ކުރިއަށް ދިއުމެވެ. ވޮލީއަށް ޚިދުމަތްކުރުމެވެ. ނަމަވެސް އިންމަގެ ވިސްނުން ބޮޑީ ހިންގުމުގެ ތެރެއިން ވޮލީއަށް ޚިދުމަތްކޮށް، ރެފްރީއެއްގެ ގޮތުގައި އަންހެނުންނަށް ބޮޑަށް އެހީތެރިވެދީ ކުރިއަށް ގެންދިއުމެވެ. އިންމަ ރެފްރީކަން ކުރަން ފެށީ 2011 ވަނަ އަހަރުއެވެ. އޭނާއަކީ އިންޑޯ ރެފްރީއެއްގެ އިތުރުން ބީޗް ރެފްރީއެއްވެސް މެއެވެ. އޭގެ ދެއަހަރުފަހުން އާއި ކަށިގަނޑު ހިފައިގެން ކޯޓަށް ނިކުތީ 2013 ވަނަ އަހަރުއެވެ.