ޚަބަރު

ހުސްނުވާ އާސަންދަ - މިހާތަނަށް 300 މިލިއަން ރުފިޔާ ޚަރަދުވެއްޖެ


މިއަހަރުގެ މިހާތަނަށް ހުސްނުވާ އާސަންދައިގެ ތެރެއިން 300 މިލިއަނެއެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް، އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

މިއަހަރުގެ މިހާ ހިސާބަށް އާސަންދައިގެ ދަށުން ފަރުވާ ހޯދިފައިވާ މީހުންގެ ތަފާސް ހިސާބު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދަ ކޮންމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަލީ ވިދާޅުވީ، ހުސްނުވާ އާސަންދައިގެ ދަށުން މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ފާރމަސީތަކަށްކަމަށެވެ. އެގޮތުން ތިންސަތޭކަ މިލިއަނެހާ ރުފިޔާގެ ތެރެއިން 26 އިންސައްތަ ޚަރަދު ކޮށްފައި ވަނީ ފަރމަސީތަކަށްކަމަށާއި، މީގެ ތެރެއިން 20 އިންސައްތަ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދުމަށް ޚަރަދު ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުންނާއި ބަލި މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ވާ ބަރޯސާ ކުޑަކުރުމަށްޓަކާ އާންމުކޮށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުން އަންނަ ބަލިތަކަށް މިއަހަރުގެ ތެރޭ ހުޅުމާލޭ ހޮސޕިޓަލުން ފަރުވާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.