ޚަބަރު

ރައީސް، ޗައިނާގެ ވެރިންނަށް ތަހުނިޔާ ވިދާޅުވެއްޖެ


ޗައިނާގެ 68 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވި މެސެޖް ފޮނުއްވައިފިއެވެ.

ޗައިނާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާންވީ ގާތް ގުޅުން ޤާއިމް ކުރިތާ 45 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ޚާއްޞަކޮށް ފަހުގެ މާޒީގައި އިތުރަށް ވަރުގަދަވެ، ހަރުދަނާ ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ޗައިނާއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސަށް ޝުކުރު އަދާކުރައްވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ޕްރެމިއަރ ލީ ކީކްޔާންގަށް ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްވެފައިވާ ގާތް ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.