ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންގެ ތެރެއިން އައިޑަލްއެއް ހޮވާ، ރޯލް މޮޑެލްއެއްގެ ގޮތުގައި ދެއްކުމުގެ މަސައްކަތް ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ރަނޭޝް އިސްވެ ހުރެ ފަށައިފިއެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ މިހާރުގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ރަނޭޝް މިމަސައްކަތް ފެށީ އިތުރު ފަރާތްތަކާ ގުޅިގެން އޭނާގެ ކުންފުނި ޗީބޯއިން ކުޅިވަރަށް ޚާއްޞަކޮށް ވޮލީއަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުގައިކަމަށް އޭނާ ބުންޏެވެ. ޤައުމީ ޓީމަށްވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅެ ކާމިޔާބީތައް ހޯދާފައިވާ ކުރީގެ ކުޅުންތެރިޔާ ބުނީ ވޮލީބޯޅަ އައިޑަލްއަކީ އެހެން ފަރާތްތަކުން ދެމުން އަންނަ އަދި ފާއިތުވި ތަނުގައި ދީފައިވާ ކުޅިވަރު އެވޯޑްތަކާ ތަފާތު އެވޯޑެއްކަމަށެވެ. އެންމެ ބޮޑު ތަފާތަކީ ހަމައެކަނި ކުޅުމަށް ބަލައިގެން އެވޯޑް ދިނުމުގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ނަމޫނާއަކަށް ވާނެ ފަދަ ރޯލް މޮޑެލްއެއް ދެއްކުމަށް އެވޯޑް ބައްޓަން ކުރުންކަމަށް ރަނޭ ބުންޏެވެ. އެގޮތުން ތަފާތު ފަސްކަމަކަށް ބަލާނެކަން ރަނޭ ފާހަގަކުރިއެވެ. އެއީ ކުޅުމުހެ ހުނަރުގެ އިތުރުން އަޚްލާޤާއި، ވޮލީބޯޅައިގެ މައުލޫމާތު ހުރި މިންވަރާއި، ފިޓްނަސްއާއި، ލީޑަރޝިޕެވެ.
އައިޑަލްގެ ފުރަތަމަ މަރުހަލާ ފިރިހެން ކުޅުންތެރިންނަށް މިހާރު ވަނީ ފަށާފައެވެ. ނިމިގެންދިޔަ ވޮލީބޯޅަ އެސޯސިއޭޝަންކަޕްގައި ކުޅުންތެރިންގެ ހުނަރު އެސެސްކުރަން ވަނީ ފަށާފައެވެ. އޭގެ ތެރެއިން ބާރަ ކުޅުންތެރިން ނެގުމަށްފަހު ޑިސެމްބަރު ހިސާބުގައި ފިޓްނަސް ބަލާނެއެވެ. އޭގެ ފަހުން ކުޅުންތެރިޔާގެ މައުލޫމާތު ހުރި މިންވަރު ކަރުދާހެއްގެ އެހީގައި ބަލާނެއެވެ. އަދި ލީޑަރޝިޕާއި، އަހްލާޤަށްވެސް ބެލުމަށްފަހު ފަސް ކުޅުންތެރިންނަށް މަދުކުރާނެކަމަށް ރަނޭޝް ބުންޏެވެ.
img:http://s2.psmnews.mv/images/660x400/15069206077303.jpg|އައިޑޮލްގެ މަސައްކަތަށް އިސްނެގި ރަނޭ ( ކަނާއަތުން ދެވަނައަށް ) ކުރީގެ ކުޅުންތެރިންނާއެކު: ފޮޓޯ-ޕީއެސްއެމް
" މީގެ އެންމެ ބޮޑަށް ބަލާނީ ރޯލް މޮޑެލްއެއް ގޮތަށް އަންނަން އޮތް ޖީލަށް ދެއްކޭނެ ފަދަ އައިޑަލްއެއް ހޮވަން. އެހެންވީމަ އެހުރިހާކަމަކަށް ބަލަނީ. ހަމައެކަނި ކުޅުންތެރިޔާގެ ހުނަރުވެރިކަމަކަށް ނޫން މިއެވޯޑްގައި ބަލާނީ." ރަނޭޝް ބުންޏެވެ.
ފަސް ކުޅުންތެރިންގެ ތެރެއިން ރޯލް މޮޑެލް ކަނޑައަޅާނީ ސަޕޯޓަރުން ނުވަތަ ވޮލީބޯޅަ ފެމިލީންކަމަށް ރަނޭޝް ބުންޏެވެ. އަންހެން ރޯލް މޮޑެލް ހޮވުމުގެ ބައިވެސް ކުރިއަށްގެންދާނީ މިއުޞޫލުންކަމަށާއި، އަންހެން ކުޅުންތެރިންގެ ހުނަރު އެސެސް ކުރާނީ ޑިސެމްބަރު މަހު އޮންނަ މާލޭ ލީގުންކަމަށް ރަނޭ ބުންޏެވެ.
އެވޯޑްގެ ކަންކަމަށް ވަރަށް ޤާބިލް ތައުލީމީ ޓީމެއް އެކުލަވާލާފައިވާކަންވެސް ރަނޭ ފާހަގަކުރިއެވެ. ފުރަތަމަ އައިޑޮލް ހޮވާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗް ނުވަތަ އޭޕްރީލްގައެވެ.