ކުޅިވަރު

ޤައުމީ ޓީމްގައި ޕީކޭގެ މަގާމާއި މެދު ސުވާލު އުފެދިއްޖެ!


މަޝްހޫރު ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާއިން ސްޕެއިނާއި ވަކިވެ، ވަކި ގައުމަކަށްވާން ތާއީދުކޮށް ބާސެލޯނާ އާއި ސްޕެއިނުގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވޯޓު ދިނުމުން ގައުމީ ޓީމުގައި އޭނާގެ މަގާމާމެދު ސުވާލު އުފެދިއްޖެއެވެ.

ކެޓަލޯނިއާ ވަކި ގައުމަކަށްވުމަށް ނަގަން އުޅުނު ވޯޓު ސްޕެއިނުގެ ސަރުކާރުން ހުއްޓުވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބާސެލޯނާއިން ރޭ ސްޕެނިޝް ލީގުގައި ކުޅުނު މެޗު ކުޅުނީ ސަޕޯޓަރުން ވެސް ނުވައްދައެވެ. އެކުލަބުން ބުނީ މިއީ ގައުމުގެ ހާލަތު ދުނިޔެ އަށް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ. އަދި މެޗަށް ބާސެލޯނާގެ ކުޅުންތެރިން ނުކުތީ ވެސް ވަކިގައުމަކަށްވާން ތާއީދު ކުރުމުގެ ގޮތުން ކެޓަލޯނިއާގެ ދިދަ ޖެހި ބާސެލޯނާގެ ޕްރެކްޓިސް ޖާޒީގައެވެ. މި ޖާޒީގައި ސުރެން ސުރަށް ރީނދުލާއި ރަތްރޮނގު ދަމާފައިވަނީ ކެޓަލޯނިއާގެ ދިދައަށް ނިސްތަބްކޮށެވެ.

މެޗުގެ ކުރިން ޕީކޭ ވަނީ ސްޕެއިނުގެ ސަރުކާރުން ގާނޫނާ ހިލާފު ކަމަށް ނިންމާފައިވާ ވޯޓުގައި ބައިވެރިވެ އޭނާ ވޯޓު ދީފައެވެ. އަދި މިކަމާ ހުރެ ސްޕެއިނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާ ގައުމީ ޓީމަށް ނުނަގައިފިނަމަ ހަދާނީ ކިހިނެތްތޯ ނޫސްވެރިން މެޗަށް ފަހު ޕީކޭއާ ސުވާލުކޮށްފައެވެ

ޖަވާބުގައި ޕީކޭ ބުނީ ކެޓަލޯނިއާ ވަކި ގައުމަކަށް ވާން ތާއީދުކޮށް އޭނާ ވޯޓުދިނުމަކީ ކުށެއްކަމަށް ދެކި ގައުމީ ޓީމުން ބާކީކޮށްފިނަމަ ދެން ދުވަހަކު ވެސް ގައުމީ ޓީމަށް ނުކުޅޭނެ ކަމަށާއި އެހިސާބުން އޭނާ ރިޓަޔާ ކުރާނެ ކަމަށެވެ.

ޕީކޭ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރި ސްޕެއިނުގެ ޓީމުގެ މުހިންމު ޑިފެންޑަރެކެވެ.

ސްޕެއިނުގެ އާބާދީގެ 19 ޕަސެންޓް މީހުން ނިސްބަތްވަނީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ އަށެވެ. އަދި އެއީ ސްޕެއިނުގެ އިގްތިސާދީ މައި މަރުކަޒުވެސްމެއެވެ. ނަމަވެސް ސްޕެއިނުން ވަކިވެއްޖެނަމަ ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި ކުޅެން ފުރުސަތު ނުދޭނެ ކަމަށް ވެސް ސްޕެއިނުން ދަނީ އިންޒާރުދެމުންނެވެ.