ޚަބަރު

ދޮށީ އުމުރުގެ މީހުންގެ ޤައުމީ ޚިދުމަތާމެދު ފަޚުރުވެރިވާންޖެހޭ!


ދޮށީއުމުރުގެ މީހުންނަށް ތަފާތުކުރުމާއި، އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތައް މުޖުތަމަޢުން ފެންނަމުންދާ ކަމަށާއި، ނަމަވެސް ދޮށީމީހުންނަކީ ޤައުމު މިއަދު މިދެކޭ ތަރައްޤީގައި ފަޚުރުވެރިވުން ޙައްޤު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، މިއަދުގެ ޒުވާނުންނަށް ނަމޫނާ ބައެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ދޮށީ ޢުމުރުގެ މީހުންނާމެދު މުޖުތަމަޢުން ދެކޭ ގޮތަށް އިޝާރާތް ކުރައްވާ މިނިސްޓަރ ޒެނީޝާ ވިދާޅުވީ ރިޓަޔަރ ކުރާ މީހުންނަކީ އެއްވެސް މަސައްކަތެއް ކުރުމުގެ ޤާބިލްކަން ނެތް ބައެއްކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރާ ކަމަށެވެ. އަދި މާލީ، އިޤްތިޞާދީ ކަންކަމުގައި ދޮށީ ޢުމުރުގެ މީހުންގެ ފަރާތުން ނާޖައިޒު ފައިދާ ނަގާ، ސިއްޙީ ޚިދުމަތުގައި ފަރުވާ ހޯދުމުގައި އެހީތެރިއަކަށް ބަރޯސާ ވާންޖެހޭ ހިނދު، ޚިދުމަތްތަކާއި އަޅާލުން ނުލިބުމުގެ ޝަކުވާތައް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެތައް ބަޔަކު ޢުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އެބަތިބި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ޚާއްސަ އަޅާލުން ބޭނުން ވާ ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން، އަދި ޙައްޤުތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

" ހިލޭ ބޭސްފަރުވާ ދިނުމާއި، ކިޔުގައި ނުޖެހި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި،  ދޮށީ ޢުމުރުގެ މީހުންނަށް ދައުލަތުން ދޭ އިނާޔަތް،  ފަސް ހާސް ރުފިޔާއަށް އިތުރުކުރުންފަދަ ކަންތައްތައް ސަރުކާރުން ކޮށްފައިވޭ. އަދި މިދިޔައަހަރުގެ އޮގަސްޓް މަހު ފެށި ރަންވޭލާ ކެމްޕޭނުގެ ދަށުން، މުޖުތަމަޢުގައި ހުރި މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިކޮށް، ބޮޑު ކުރިއެރުމެއް ލިބިފައިވޭ. ރަންވޭލާ ކެމްޕެއިންގެ ދަށުން  ރާއްޖޭގެ 3 އަތޮޅެއްގެ ހުރިހާ ރަށެއްގައި ތަފާތު ހަރަކާތްތައް ހިންގާފައިވާއިރު، މި ހަރަކާތްތަކުގައި، ދޮށީ ޢުމުރުގެ މީހުންނާއި، ޒުވާނުންނާ ދެމެދު އޮންނަ ގުޅުން އިތުރުކުރުމަށް ބާރު އަޅާފައިވާނެ" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ޤައުމު މިއަދު މިދެކޭ ތަރައްޤީއަކީވެސް ދޮށީ ޢުމުރުގެ މީހުން އެމީހުންގެ ޒުވާން ޢުމުރުގަ ކުރައްވާފައިވާ މިންނެތް މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އެހެންކަމުން ދޮށީ ޢުމުރުގެ މީހުން ކޮށްދީފައިވާ އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ފަޚުރުވެރިވުމަށް މިއަދު ޒުވާނުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ އެއްވަނަދުވަހެވެ.