ޚަބަރު

އެއާރޕޯޓުގެ ޑިއުޓީ ފްރީގައި މޯލްޑިވްސް ޓީވީގެ ފިހާރައެއް


ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޑިއުޓީ ފްރީގައި މޯލްޑިވްސް ޓީވީގެ ޚާއްސަ އުފެއްދުންތައް ފަސޭހައިން ގަންނަން ލިބޭނެ ފިހާރައެއް ހުޅުވައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން ޑިއުޓީ ފްރީގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ޓީވީގެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެއާރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. މި ހަފްލާގައި ޕީއެސްއެމްގެ އިސްވެރިންނާއި އެއާރޕޯޓްސް ކޮމްޕެނީގެ އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.

މޯލްޑިވްސް ޓީވީގެ ފިހާރަ ހުޅުވައިދެއްވުމަށްފަހު އެއާރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ޑިއުޓީ ފްރީގައި ޕީއެސްއެމުން އިސްނަގައިގެން މިފަދަ ކަމެއް ކުރެއްވުމަށް ނިންމެވި ކަމަށްޓަކައި އެފަރާތަށް ޝުކުރުއަދާކުރާ ކަމަށާއި އަދި މިއީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

img:http://s4.psmnews.mv/images/660x400/15068493632471.jpg|

އާދިލް މޫސާ ވިދާޅުވީ އެއާރޕޯޓުގެ ޓާމިނަލް ބޮޑުކުރުމާއި އެއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް މިވަގުތު ކުރަމުން އަންނައިރު، އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ގިނަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ. އެގޮތުން މި ހުޅުވިގެންދިޔަ ފިހާރައާއެކު ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ދޮރެއް ހުޅުވިގެންދިޔައީ ކަމަށް ވިދާޅުވިއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މޯލްޑިވްސް ޓީވީއަކީ ޕީއެސްއެމްގެ ގަވަނިންގ ބޯޑާއި މެނޭޖްމަންޓުން އިސްނަންގަވައިގެން ވަރަށް މުހިންމު މަޤްސަދެއްގައި ކުރިއަށްގެންދާ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

ޚަލީލް ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން "މޯލްޑިވްސް" މި ނަން ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ސަފުގައި ރުކުރުވާލާނެ ކަމަށާއި އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވި މޯލްޑިވްސް ޓީވީގެ ޑިއުޓީ ފްރީ ފިހާރަ ދުނިޔޭގެ އެކި ޤައުމުތަކުގެ އެއާޕޯޓްތަކާއި އެނޫންވެސް ތަންތަނުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

ޚަލީލްގެ ވާހަކަގައިވެސް ވަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށާއި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޕީއެސްއެމް މެދުވެރިވެގެން ކުރެވެންހުރި ހުރިހާ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުންދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

img:http://s3.psmnews.mv/images/660x400/15068493413769.jpg|

ޑިއުޓީ ފްރީގައި ހުޅުވި މޯލްޑިވްސް ޓީވީގެ ފިހާރައިން ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ތަފާތު ވައްތަރުތަކުގެ ޑޮކިއުމެންޓްރީތައް ލިބެން ހުންނައިރު، އެތަކެތި ބައްލަވައިގަތުމުގައިވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމްގެ ޑިިރެކްޓަރ އީ-ކޮމާސް އެންޑް މާކެޓިންގ އިބްރާހިމް ނަސްރީން ވިދާޅުވީ ޑިއުޓީ ފްރީގައި ހުޅުވުނު ފިހާރައިން މިވަގުތު ޑޮކިއުމެންޓްރީގެ ސީޑީ ލިބެން ހުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި އީ-ކޮމާސް މެދުވެރިކޮށް އެބޭފުޅަކު ބޭނުންވާ ޑޮކިއުމެންޓްރީ ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ޓީވީގެ ޑިއުޓީ ފްރީ ފިހާރައިން މިވަގުތައް ޕީއެސްއެމްގެ އުފެއްދުންތައް ލިބެން ހުރި ނަމަވެސް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މިފަދަ އުފެއްދުންތައް އުފައްދާ ހުރިހާ ފަރާތަކަށްވެސް އެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ތަފާތު ޑޮކިއުމެންޓްރީތައް އުފައްދާ ފަރާތްތަކާއި މިއުޒީޝަނުންގެ ލަވަ އަލްބަމްތަކުގެ އިތުރުން ފަތުރުވެރިންނަށް ބޭނުންވާ ތަފާތު އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ޕީއެސްއެމުން ބުނެއެވެ.