ޚަބަރު

ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އިފްތިތާޙްކޮށްފި


ފުރަތަމަ ފަހަރަށް ރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތެއް އިފްތިތާޙްކޮށްފިއެވެ.

މި ސިޔާސަތު އިފްތިތާޙްކޮށްދެއްވީ، ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދެވެ.

ދޮށީ ޢުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ޢުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަމާއި، ޙިމާޔަތް ލިބިދިނުމަށާއި، މުޖުތަމަޢުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށެވެ.

ދޮށީ ޢުމުރުގެ މީހުންގެ ޤައުމީ ސިޔާސަތުގައި މައިގަނޑު 4 ދާއިރާއެއް ހިމެނެއެވެ. އެގޮތުން މިސިޔާސަތުގައި ހިމެނޭ ދާއިރާތަކަކީ ދޮށީ ޢުމުރުގެ މީހުންނަށް އަޅާލުމާއި، ރައްކާތެރިކަން ދިނުމާއި މިނިވަން ކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ ސިއްޙަތާއި ދޮށީ ޢުމުރަށް ތައްޔާރުވުމެވެ.

ދޮށީ ޢުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އިފްތިތާޙްކުރުމަށް އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ދޮށީ ޢުމުރުގެ މީހުންނަކީ ފުރިހަމަ އިޙްތިރާމާއި، ލޯބި ލިބޭ ބަޔަކަށް ހެދުމަކީ، މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދެއްކަންވެސް ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.

" ދޮށީ ޢުމުރުގެ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިނުމުގެ ވައުދަކީ ރައީސް ޔާމީން ވަރަށް ބޮޑަށް އިސްކަންދެއްވާ ވަޢުދެއް. ވައުދު ތަންފީޒު ކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މި އިފްތިތާޙް ކުރެވުނު  ދޮށީ ޢުމުރުގެ މީހުންގެ ޤައުމީ ސިޔާސަތަކީ މިކަމުގެ ޙެއްކެތް. މި ސިޔާސަތަކީ މިހާރުގެ ސަރުކާރުން، ޢުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ދާއިރާއިން އެޅި މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ޢުމުރުން ދުވަސްވީ މީހުންނަކީ ޤައުމުގެ އިސް ރަށްވެހިން. އެއީ މިއަދުގެ ޒުވާން ޖީލު ބިނާ ކުރި މީހުން. އަޅުގަނޑުމެންގެ މައިންބަފައން، ނުވަތަ ކާފައިން މާމައިން، ނުވަތަ އެއަށްވުރެވެސް ދޮށީ މީހުން." ނާއިބް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ޤައުމު މިދެކޭ ތަރައްޤީއަކީ ދޮށީ އުމުރުގެ މީހުން، އެ ފަރާތްތަކުގެ ޒުވާން އުމުރުގައި ކޮށްދެއްވި ޚިދުމަތުގެ ނަތީޖާކަމަށެވެ. އެގޮތުން އެބޭފުޅުންގެ އެކިދާއިރާތަކުން ކުރައްވާފައިވާ އަގުނުކުރެވޭ ފަދަ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ސިޔާސަތު އެކުލަވާލާފައިވަނީ ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ ރަންވޭލާ ކެމްޕެއިންގެ ތެރެއިން، ޢުމުރުން ދުވަސްވީ މީހުންގެ ފަރާތުން ލިބުނު ތަޖުރިބާއާއި، ޚިޔާލާއި، މި ދާއިރާގެ އިސް ބޭފުޅުންނާއި އެކު މަޝްވަރާ ކުރުމަށްފަހުގައެވެ. މި ސިޔާސަތުގެ ބޭނުން ހިފައިގެން، މުޖުތަމައާއި، ފަރުދުން ގުޅިގެން މި ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދިދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

" ސިޔާސަތު ކާމިޔާބު ތަންފީޒު ކުރެވޭނީ ކަމާއި ބެހޭ އެންމެހާ ފަރާތްތަކުން އަމިއްލަ އިސް ނެގުމާއެކު، އެންމެންވެސް މަސައްކަތްތަކެއް ކޮށްގެން. ދޮށީ އުމުރުގެ މީހުންނަށް އުފާވެރި މާހައުލެއް ރާއްޖޭގައި ޤާއިމް ކުރުމަށް އާއިލާތަކާއި، ފަރުދުންގެ ޒިންމާ މުހިންމު. ކަންކަން ނިންމުމުގައި އެ ފަރާތްތަކުގައި ޚިޔާލާ މަސްވަރާ ހޯދާ، އުމުރުން ދުވަސްވުމުންވެސް ކަންކަމުގައި ބައިވެރިވުން އިތުރުކުރުމަށް ބާރު އަޅަންޖެހޭ. މި މަސައްކަތުގައި ޒުވާނުންވެސް ބައިވެރިވުމަށް އިލްތިމާސްކުރަން. ޚާއްސަ ގޮތެއްގައި ދޮށީ އުމުރުގެ މީހުންނަކީ ޢައިލާތެރެއާއި، އަދި މުޖުތަމައުގައިވެސް އެކަހެރިވެފައިވާ ބައެއް ކަމުގައި ނުހެދުމަށްޓަކައި، އެމީހުންނާއި އެކުގައި ވަގުތު ހޭދަކޮށް އެމީހުންގެ އިލްމާއި، ހުނަރު އަދި ތަޖުރިބާ ހިއްސާ ކުރެވޭނެ ފުރުސަތުތައް ހޯދައިދޭން ޖެހޭ." މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް އެކަށައެޅުނު ސިޔާސަތަކީ ދޮށީ ޢުމުރުގެ މީހުންނާއި ގުޅޭގޮތުން ރާއްޖޭގައި އެކުލަވާލި މިފަދަ ފުރަތަމަ ޤައުމީ ސިޔާސަތެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ބެލުމުގެ ދަށުން ތަންފީޒު ކުރާ މި ސިޔާސަތުގެ ދަށުން، ޤައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.