ކުޅިވަރު

ބަށިބޯލް ޗެމްޕިއަންޝިޕް ޒޯން 4ގެ ޗެމްޕިއަންކަން ލ.ގަމު ހޯދައިފި


ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕްގެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ލ.ގަމު ބަށި ޓީމް ހޯދައިފިއެވެ.

 އެޓީމް ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގައި، ފުވައްމުލަކު ބަށި ޓީމް ބަލިކޮށްގެންނެވެ. މެޗު ގަމު ޓީމް ކާމިޔާބުކުރީ 14 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި ގަމު ޓީމް ވަނީ 31 ލަނޑު ހަދާ 8 ބޯޅަ ޖަހާފައެވެ. ފުވައްމުލަކު ޓީމަށް ހެދުނީ 17 ލަނޑު 11 ބޯޅައެވެ. މުބާރާތުގެ ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިއަކީ ގަމް ޓީމްގެ އައިޝަތު ލުބުނާއެވެ. މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކީވެސް އަދި ހިނފުންތެރިއަކީވެސް އޭނާއެވެ. 

މިދެޓީމްގެ އިތުރުން މިޒޯންގައި ވާދަކުރީ ގއ.ނިލަންދޫ ބަށި ޓީމާއި، ގދ.ވާދޫ ބަށި ޓީމެވެ. ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ އަންހެނުން ކުރިއެރުމާއި ކާމިޔާބީ ހޯދުމުގައި ފިރިހެނުންގެ ދައުރު ނުހަނު ބޮޑުކަމަށެވެ. ގަމް ޓީމް މުބާރާތް ކާމިޔާބުކުރުމުގައިވެސް ފެނިގެން ދިޔައީ ފިރިހެން ބޭފުޅުންގެ ފަރާތުން ލިބުނު ސަޕޯރޓްކަން އަސްމާ ރަޝީދު ފާހަގަކުރެއްވިއެވެ.