ޚަބަރު

ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި


މިދިޔަ ހުކުރުދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި އެކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނެއްކަމަށެވެ. ހުކުރުދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ގއ. ދާންދޫއަށް ނިސްބަތްވާ 25 އަހަރުގެ ޒުވާނެކެވެ.

ހުޅުމާލެއާއި މާލޭގައި ފާއިތުވި ހަފްތާގައި ހިންގި މާރާމާރީތަކާއި ގުޅިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާ މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ބާލާފާސްކުރަމުންނެވެ. އަދި މިހާތަނަށް މި އޮޕަރޭޝަންގައި 17 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.