ޤައުމަށް މިއަދު އައިސްފައިވާ ތަރައްޤީއާއި ކުރިއެރުމުގެ ފަހަތުގައި ވަނީ އިސް ރަށްވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އިފްތިތާޚް ކުރުމަށްބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ ޤައުމެއްގެ އެންމެ އަގުބޮޑު ހަޒާނާއަކީ އިސް ރަށްވެހިން ކަމަށެވެ. އަދި އެއީ ދޮށީ އުމުރުގެ މީހުންގެ ހަޔާތުގައި ލިބިފައިވާ ތަޖުރިބާގެ ސަބަބުން ކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިސްރަށްވެހިންގެ ހަޔާތުގައި ލިބިފައިވާ ތަޖުރިބާއަކީ ލޮލަށް ނުފެންނަ މައުނަވީ ތަޖުރިބާއެއް ކަމަށެވެ. އަދި އެއީ ޤައުމުގެ އެންމެ އަގުހުރި އާސާރު ކަމަށާއި އިސްރަށްވެހިން ނުވަތަ ދޮށީ އުމުރުގެ ބޭފުޅުން ވަނީ ޤައުމަށް ކުރިމަތިވި ހިތާމަތަކާއި އުފާތައް އެމީހުންގެ ހިއްސުތަކުން ތަޖުރިބާކޮށްފައި ކަމަށެވެ.
ނާއިބު ރައީސް ޖިހާދުގެ ވާހަކަފުޅުގައި ދޮށީ އުމުރުގެ މީހުންގެ ހަޔާތުގެ ބާކީ އޮތް ދުވަސްތައް އުފާވެރިކަމާއިއެކު ހޭދަ ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އިސްރަށްވެހިން އަންނަނީ އެމީހުންގެ ތަޖުރިބާ ހިއްސާކޮށް ސަރުކާރުން ކުރާ ކަންކަމަށް ތަރުހީބު ދެމުންކަން ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ޚާއްސަ އަހައްމިޔަތު ފާހަގަކުރައްވާފައެވެ.