ޚަބަރު

އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި


ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ޣައިރު ޤާނޫނީ ގޮތެއްގައި އެއްވެ ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރި މައްސަލާގައި ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރުން މަނާކުރި ވަކީލުންގެ ތެރެއިން އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ދިހަ ވަނަދުވަހު ފަންސާސް ހަތަރު ވަކީލަކަށް ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތުކުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ މަނާ ކޮށްފައެވެ.

ކޯޓްތަކުގައި ވަކާލާތު ކުރުން މަނާކުރި ވަކީލުންގެ ތެރެއިން 16 ވަކީލަކަށް ވަކާލާތުކުރުމުގެ ހުއްދަ ދިންކަން އަންގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ނެރުނު އިޢުލާންގައި ބުނެފައިވަނީ އެ 16 ވަކީލުންނަށް ރާއްޖޭގެ ކޯޓްތަކުގައި އަލުން ވަކާލާތުކުރުމުގެ ހުއްދަ އިއްޔެއިން  ފެށިގެން ދީފައިވާކަމަށެވެ. އަދި އެ ވަކީލުންނަށް އަލުން ވަކަލާތުކުރުމުގެ ހުއްދަ ދީފައިވަނީ އެ ވަކީލުންނާއި ގުޅިގެން ބަލަމުން ދިޔަ މައްސަލަ ބަލާ ނިމުންކަމަށްވެސް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލާގައި ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރުން މަނާކުރި ވަކީލުންގެ ތެރެއިން  މައްސަލަ ބެއްލެވުމަށްފަހު 13 ވަކީލަކަށް ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ  މިދިޔަ މަހުގެ 18 ވަނަ ދުވަހުވެސް ދީފައިވެއެވެ.

އިއްޔެ ސަސްޕެންޝަން އުވާލެވުނު ވަކީލުންނާއެކު މި މައްސަލާގައި ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތުކުރުން މަނާކޮށްފައިވާ 54 ވަކީލުންގެ ތެރެއިން 29 ވަކީލެއްގެ ސަސްބެންޝަން މިހާރު މިވަނީ އުވާލާފައެވެ.