ކުޅިވަރު

ވެޓަރެންސް ވޮލީ މުބާރާތް ގޮއިދޫއާއި ޕޮލިސް ކާމިޔާބުކޮށްފި


ޒާހިރު ނަސީރު މެމޯރިއަލް ވެޓަރެންސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ޓީމާއި، ޕޮލިސް ހޯދައިފިއެވެ. 

ފުރަތަމަ ފަހަރަށް ބޭއްވި ވެޓަރެންސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ބ.ގޮއިދޫ ހޯދީ ފައިނަލްގައި ޓްރަސްޓާރސް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ގޮއިދޫން ކުޅުންތެރިން މާލެ އައިސް ތާރީޚީ ފައިނަލްގައި ކުޅެ ގޮއިދޫ ޓީމް ވަނީ ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ. އެޓީމް މެޗުގެ ސެޓްތައް ގެންދިޔައީ 22-20، 21-17 ނެވެ. އަންހެން ޑިވިޝަންގެ ތިންވަނަ މަޤާމް ހޯދީ ޒެނިތެވެ. އަންހެން ޑިވިޝަންގެ ތިން ޓީމަށް އިނާމާއި މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ މަރުހޫމް ޒާހިރު ނަސީރަށް ބޮޑުބޭބެ ވިދާޅުވީ މުޙައްމަދު ނާޝިދެވެ. އަންހެން ޑިވިޝަންގައި ވާދަކުރީ ހަތަރު ޓީމެވެ. 

img:http://s2.psmnews.mv/images/660x400/15068326263768.jpg|މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދި ގޮއިދޫ ޓީމް: ފޮޓޯ-ޕީއެސްއެމް

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ހޯދީ ފައިނަލްގައި ފޯޓީ ޕްލަސްއާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ޕޮލިސް ސެޓްތައް ގެންދިޔައީ 21-18، 21-16 ނެވެ. ޗެމްޕިއަން ޕޮލިސް ޓީމްގައި ކުރީގެ އެންމެ މޮޅު ކުޅުންތެރިންކަމަށްވާ މުޙައްމަދު ނަދީމާއި، ފަތުހުﷲ ވަހީދާއި، ޝާމިލް އާދަމްއާއި، ޞޯދިޤު މޫސާ ހިމެނެއެވެ. ފައިނަލްގައި ބަލިވި ފޯޓީ ޕްލަސްގައި ނިޒާރު އިބްރާހީމްއާއި، އިސްމާއީލް ރިފާއު ހިމެނެއެވެ. މިބައިގެ ތިންވަނަ ޓީމަކީ ބަގީޗާއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ މަރުހޫމް ޒާހިރު ނަސީރަށް އިންޑިޔަން ހައިކޮމިޝަނުން ދެއްވާފައިވާ ޖަވާހިރަލް ނެހޫރު ކަޕް ޓްރޮފީއެވެ. 

img:http://s3.psmnews.mv/images/660x400/15068326667774.jpg|މުބާރާތުގައި ވާދަކުރި ބައެއް ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ވޮލީ ފެމިލީ: ފޮޓޯ-ޕީއެސްއެމް

ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިޔާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލްލަތީފެވެ.