ޚަބަރު

އަލިފާން ނިވަން ގެންގުޅޭ ސާމާނުތަކުގެ ޔަޤީންކަން ކަށަވަރުކުރަނީ


ގޭގެއާއި އޮފީސް އިމާރާތްތަކުގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތަކަކީ އެކަމަށް އެންމެ އެކަށޭނެ ވަސީލަތްތޯ ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ އެނުއަލް އެކްސަސައިޒް "ޖައްރާފާ"ގެ ތަމްރީނުތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ބައެއް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތަކަކީ އެންމެ އެކަށީގެންވާ ފެންވަރުގެ ތަކެތި ނޫންކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ އެނުއަލް އެކްސަސައިޒް "ޖައްރާފާ"ގެ ތަމްރީނުތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ބައެއް ތަމްރީނުތައް، ބައްލަވާލައްވުމަށްފަހު، ޕީ.އެސް.އެމް ނިއުސްއަށްދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ސަލާމްވެ މީހުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުވުމަށް ތަފާތު އިދާރާތަކާއި ގުޅިގެން ސިފައިން ޚާއްސަ ޙަރަކާތްތަކެއް ހިންގަމުންދާކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން އާންމުންނާއި، ދަތުރުފަތުރުކުރާ ކުރާމީހުންގެ އިތުރުން، ސްކޫލް ދަރިވަރުންވެސް އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިވެރިވެ، އެފަދަ ހާދިސާތަކަށް ހުށިޔާރުވެފައިވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/15067850450340.jpg|އެމްއެންޑީއެފްގެ ފަޔަރ ޑްރިލެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޑިފެންސް މިނިސްޓަރ ވިދާޅުވީ، ގޭގެއާއި އޮފީސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނު ބަހައްޓަމުންދާ މިންވަރު އިތުރުވެފައިވާކަމީވެސް މިކަމަށް އާންމުން ހޭލުން ތެރިވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތަކަކީ އެންމެ އެކަށީގެންވާ ފެންވަރުގެ ވަސީލަތްތައް ނޫންކަން ފާހަގަކުރެވިފައިވާކަމަށާ، އަލިފާން ނިއްވަން ބޭނުންކުރާ ސާމާނަކީ އެކަންކުރުމަށް އެންމެ އެކަށޭނެ ރަނގަޅު ވަސީލަތްތަކެއްތޯ ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްތަކެއް ފައްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސިފައިންގެ ކޮމާންޑްތަކުންވެސް، އަލިފާނުގެ ހާދިސާތަކުން ސަލާމަތްވެތިބުމާއި ގުޅޭގޮތުން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. މިދިޔަ އަހަރު އިސްލާޙްކުރެވުނު "ފަޔަރ އިމަރޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓް ކުރުމުގެ ގޮތުން އެފް.އާރު.އެސް އިން ދެދުވަހުގެ މުއްދަތަށް ހިންގި އެކްސަސައިޒް "ޖައްރާފާ" ގައި ތަފާތު އެކިއެކި އަލިފާނުގެ ހާދިސާތަކާއި ރެސްކިއު އޮޕަރޭޝަން ތަކުގައި ހަރަކާތްތެރިވާނެގޮތްތައް ވަނީ ފަރިތަކޮށްފައެވެ.

މި އެކްސަސައިޒްގެ ޢަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ އާއި ހުޅުމާލޭ އަދި ވިލިމާލޭގެ އިތުރުން ތިލަފުށީގައާއި މާލެ ސަރަހައްދުގެ ކަނޑުމަތީގައެވެ. މިއީ ޚާއްސަގޮތެއްގައި އުސް އިމާރާތެއްގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުގައި އަލިފާންނިވާ މީހުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި އަދި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާގޮތް ދެނެގަތުމަށާއި، ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ދަސްކޮށް، އެކަންކަން ކުރިމަގުގައި ދިމާނުވާނެ ގޮތްތައް ހޯދުމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ހިންގި އެކްސަސައިޒެކެވެ.

"އެކްސަސައިޒް ޖައްރާފާ" ގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވާއިރު މި އެކްސަސައިޒްގައި ބައިވެރިވި އެހެނިހެން މުއައްސަސާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން، ވިލިމާލެ ހޮސްޕިޓަލް، ވިލިމާލެ ރަށު ކައުންސިލް، ހުޅުމާލެ ހޮސްޕިޓަލް، ތިލަފުށި ކޯރޕަރޭޝާން، އޭޑީކޭ ހޮސްޕިޓަލް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ހިމެނެއެވެ.