ޚަބަރު

މާރާމާރީތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފި


ރޭ ހުޅުމާލޭގައިވެސް އަދި މާލޭގައިވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭގެތެރެއިން ހުޅުމާލެއިން ތޫނު އެއްޗަކުން ހަމަލާދިން މީހާވަނީ މަރުވެފައެވެ. އަދި މާލެއިން ހަމަލާދިން މީހާއަށް އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. މާރާމާރީތަކާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހަކުއެވެ. އެ މީހުންނަކީ މާލޭގައި ހުންނަ ޖީ ސިކްސް ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންނެވެ. އެ މީހުން ހައްޔަރުކުރީ މާރާމާރީ ހިންގަން ބޭނުންކުރި ތަކެތި ނައްތާލަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭގެފަހުން ފުލުހުންވަނީ 8 މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުންވެސް ހައްޔަރުކުރީ މާލޭގައި ހިނގި މާރާމާރީއާ ގުޅިގެނެވެ. 

އެ މައްސަލާގައި ފުލުހުން ވަނީ މާލޭގެ ގެސްޓް ހައުސްއަކާއި އިތުރު ބައެއް ގެތައް ބަލާ ފާސްކޮށްފައެވެ. މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ މާފަންނުގެ ދެގެއެއް ބަލާފާސްކޮށްފައެވެ. އެއީ މ. އެތުމާގެއާ މ. ދިމިޝްގުގެއެވެ. މީގެތެރެއިން އެތުމާގެއިން ފުލުހުން ވަނީ ހަތަރު ފިރިހެނުންނާއި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކުވެސް ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. 

މާރާމާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފުލުހުންގެ ސްޕޯކްސް ޕާސަން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ހުޅުމާލެއާ މާލޭގައި ހިނގާދިޔަ މާރާމާރީތަކުގެ ސަބަބުން އެ ދެ ރަށުގެ ސަލާމަތީކަންކަން އަދި ވަކިން ޚާއްސަކޮށް ހުޅުމާލެއާ މާލެއަކީ އަމާން ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ހުޅުމާލެއާ މާލޭގައި ހިންގާ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުވެސް ވަނީ ވިދާޅުވެފައެވެ.