މިމަހުގެ 1 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޤާނޫނުލް ޢުޤޫބާތުގެ ބިލު] ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މިބިލް ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައިވަނީ ޝާއިޢު ކުރައްވާފައެވެ.
މި ޤާނޫނަކީ، ޖިނާއީ ކުށްކުށާއި، އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި، އެ ކުށްކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި، އެ ކުށްކުށުގެ ޢުޤޫބާތާއި، ކުށްކުށާއި ޢުޤޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި، ކުށުގެ ދިފާޢުގެ ގޮތުގައި ބޭނުންކުރެވޭނެ ކަންތައްތަކާއި، އަދަބު ކަނޑައެޅުމުގެ އުޞޫލާއި، އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި، އެކަންކަމާބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ.
ޤާނޫނުލް ޢުޤޫބާތުގެ ބިލުގައި، އިޞްލާޙު ކުރަންޖެހޭ ގިނަ ކަންކަން ހުރިކަން، ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާތާ 12 މަސް ހަމަވާ ދުވަހުން ފެށިގެން ކަމަށްވުމާއެކު، މިދެމެދު ލިބޭ 1 އަހަރު ދުވަހުގެ ތެރޭގައި، ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ޛަރީޢާއިން އެކަންކަން ޙައްލުކުރެވިދާނެ ކަމަށް ބަންޑާރަ ނައިބުގެ ލަފާފުޅު ލިބިވަޑައިގެންފައިވާތީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު މިއަދު ތަޞްދީޤު ކުރެއްވީ ކަމަށް ރައީސްއޮފީހުން މަޢުލޫމާތުދެއެވެ.
[ޤާނޫނުލް ޢުޤޫބާތުގެ ބިލު]ގެ އިތުރުން ހުސްވި މާރިޗު މަހުގެ 31ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] އާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] އާއި، މި މަހުގެ އެއްވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި [މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ބިލު] ވެސް ރައީސުލްޖުމްހޫރިއްޔާވަނީ މިއަދު ތަޞްދީޤް ކުރައްވާފައެވެ. މިބިލްތައް ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މި 3 ޤާނޫނުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.