ދުނިޔެ

ރޭލް ސްޓޭޝަނެއްގައި ފިތި ބާރުވެގެން 15 މީހުން މަރުވެއްޖެ


އިންޑިއާގެ މުމްބާއިގައި ހުންނަ ރޭލު ސްޓޭޝަނެއްގައި މީހުން ގިނަވެ، ފިތި ބާރުވެގެން ހިނގި ޙާދިސާއެއްގައި 15 މީހުން މަރުވެއްޖެއެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވަނީ މި ޙާދިސާގައި އިތުރު ވިހި މީހަކު ޒަޚަމްވެފައިވާ ކަމަށާއި، މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ އެލްފިން ސްޓޯން ރެއިލްވޭ ސްޓޭޝަންގައި ކަމަށާއި، މީހުން ފިތުމުގެ ހާދިސާ ހިނގާފައިވަނީ، ސްޓޭޝަންގެ މަތިން، ފައިމަގުގައި ހިނގާ ފާލަމުގެ މަތީގައިކަމަށެވެ.

މިއީ އެ ސަރަހައްދުގައި ހުންނަ މައި ދެ ރޭލް ސްޓޭޝަނެއް ގުޅުވައިދޭ މަގެކެވެ. މި ޙާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ހެނދުނު 10 ޖަހާ އެހާކަންހާއިރު ކަމަށާއި، އެއީ އެންމެ ގިނަ މީހުން ރޭލުގެ ޚިދުމަތް ބޭނުންކުރާ ވަގުތުކަން އިންޑިއާގެ މީޑިއާއިން ދަނީ ފާހަގަކުރަމުންނެވެ. އިންޑިއާގެ ޓީވީ ރިޕޯޓްތައް ބުނާގޮތުން އެ ބްރިޖް މަތީގައި މީހުން ފިތިބާރުވުމުގެ ޙާދިސާ ހިނގާފައިވަނީ އެ ވަގުތު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަރަންޓް ޝޯޓް ސަރކިޓެއް އުފެދުނުކަމުގެ އަޑު ފެތުރުމާއެކު މީހުން ހާސްވެ، އެއްފަހަރާ މަގު ބޭނުންކުރަން އުޅުމުގެ ތެރޭގައިކަމަށެވެ.