ޚަބަރު

"މިއުޒިއަމް ޕާކްގެ ލަސްވަނީ ބައެއްތަކެތި ގެންނަން ދަތިވެގެން"


ތިނަދޫ މިއުޒިއަމް ޕާކްގެ މަސައްކަތް ނުނިމި ލަސްވަނީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމުގައި ބައެއް ދަތިތައް ދިމާވަމުންދާތީކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ރާއްޖެއިން ބޭރުން ގެންނަނީ ޕްރީކާސްޓް ކޮށްގެން ގެންނަ ބައެއް ސާމާނުކަމަށެވެ.

ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއަކީ ތިނަދޫގައި އަޅާ މިއުޒިއަމް ޕާކުގެ މަޝްރޫޢެވެ. ތިނަދޫ މިއުޒިއަމްޕާކަކީ ތަފާތު ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕާކެކެވެ. މިއުޒިއަމް ޕާކުގައި ކުޑަކުދިންނަށް ޙާއްސަ ސަރަހައްދަކާއި، އެކި ކަންކަމަށް ހާއްސަ ތިން އިމާރާތް ހިމެނެއެވެ. ޕާކުގައި ޤާއިމުކުރާ ތިން އިމާރާތުގައި ހިމެނެނީ، ދާރުލްއާސާރަކާއި، ސްޕޯޓްސް ކޮމްޕްލެކްސްއަކާއި، އޮޑިޓޯރިއަމަކާއި، ލައިބްރަރީއާއި، ލަރނިންގ ސެންޓަރެއްގެ އިތުރުން އެކި ބައްދަލުވުންތަކަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހޯލެކެވެ. އަދި ޕާކުގެ އޯޕަން އޭރިއާ ތަރައްޤީކުރަނީ އިށީދެލައިގެން ތިބެވޭ ހިތްފަސޭހަ މައިދާނެއްގެ އިތުރުން، ކުޑަކުދިންގެ ޕާކެއްގެ ގޮތުގައެވެ. އެގޮތުން އެހެން ޕާކުތަކާއި ޚިލާފަށް ފެނުގެ ކުޅިވަރުތައް ކުޅެވޭގޮތައް ޕާކު ފަރުމާކޮށްފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެ އިތުރުން ޕާކުގައި ފެންއަރުވާ ވަޑާމެއްވެސް ހުންނާނެއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ މިހާރު ކުރަމުންދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. އިމާރާތް އެއްކޮށް ނުނިމި ލަސްވަނީ ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ދަތިތައް ހުރުމުންކަމަށް ޙުޝާމް ވިދާޅުވިއެވެ. 

" ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވީނަމަވެސް މަސައްކަތްތައް އެއްކޮށް ނުނިމި ލަސްވަނީ ގިނަ މެޓީރިއަލްތަކަކީ ޕްރީކާސްޓްކޮށްގެން ޗައިނާއިން ގެންނަ މެޓީރިއަލްއަށް ވުމުގެ ސަބަބުން. އެގޮތުން ބައެއް ބިއްލޫރި ދޮރުތައް މިކޮޅަށް ގެނައިއިރު ޑެމޭޖް ވެފައިވުމުގެ ސަބަބުން މަސައްކަތް ނުނިމި ލަސްވަނީ. ނަމަވެސް ކުންފުނިން މަސައްކަތް ކުރަމުންދަނީ އަންނަމަހު މަސައްކަތް ނިންމައި ހައުސިންގ މިނިސްޓްރީއާއި ހަވާލުކުރުމަށް." އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޚުޝާމް ވިދާޅުވިއެވެ. 

ޚުޝާމް ވިދާޅުވީ މިދިޔަ އަހަރަށް ޕާކުގެ މަސައްކަތް ނިންމުމަށް ފުރަތަމަ ތާވަލްކުރިނަމަވެސް ނުނިމި ލަސްވީ މިއުޒިއަމް ޕާކުގެ ޑިޒައިނަށް ބައެއް އުނިއިތުރު ގެންނަންޖެހުމުގެ ސަބަބުންކަމަށެވެ.

ތިނަދޫ މިއުޒިއަމް ޕާކުގެ ލޭންޑްސްކޭޕިންގއާއި ޕޭވިންގގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. އެމްއާރްޑީސީއިން ބުނީ މި މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައިކަމަށެވެ. 

ތިނަދޫ މިއުޒިއަމް ޕާކުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. މީ 20 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.