ސައްހަ ނޫން ޚަބަރުތައް ފެތުރުން ހުއްޓާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދު ރާއްޖޭގެ މީޑިއާތަކަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ބައިނަލްއަގްވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދު ވިދާޅުވީ މިއަދު އެންމެ ބޮޑަށް ވިސްނަންޖެހޭކަމަކީ ސައްހަ ނޫން ހަބަރުތައް ފެތުރުން ހުއްޓުވުންކަމަށެވެ. ދުނިޔޭ ބައެއް މީޑިއާތަކުން ސައްހަ ނޫން ހަބަރުތައް ފަތުރަމުން ގެންދާކަމަށެވެ.
އެކަން ރާއްޖޭގެ ބައެއް މީޑިއާތަކުންވެސް މިހާރު ކުރަމުން އަންނަކަމަށެވެ. މަސީހް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުން ސައްހަ ނޫން ހަބަރުތައް ފަތުރަނީ ދެ ސަބަބެއް އޮވެގެންކަމަށް އެގޮތުން ނޫސްވެރިން އެކަން ކުރަނީ ހަބަރު ރައްދުވާ މީހާއަށް ދެރައެއް ދިނުމަށް ނުވަތަ މަޝްހޫރު މީހަކާއި ބެހޭގޮތުން ހަޤީގަތެއް ނެތް ވާހަކަތަކެއް ލިޔެގެން ހަބަރު ލިޔާ ނޫސްވެރިޔާ އަމިއްލައަށް މަޝްހޫރުވުމަށްކަމަށެވެ.
މަސީހް ވިދާޅުވީ ވާހަކަ ހަދައިގެން ދެއްކުމަކީ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންކުރަން ޖެހޭކަމެއްކަމަށް ވީ ނަމަވެސް އެކަން ރާއްޖޭގައި ކުރަނީ މީޑިއާތަކުންކަމަށެވެ. އަދި ނޫސްވެރިން ސައްހަ ނޫން ހަބަރު ފެތުރުމަކީ ޑިމޮކްރަސީ ފުނޑުފުނޑުކޮށްލުންކަމަށްވެސް މަސީހް ސިފަކުރެއްވިއެވެ.
މަސީހް ވިދާޅުވީ ރާއްޖެ ތަރައްގީވަމުން އަންނައިރު ތަރައްޤީއާއި ގުޅޭ ސައްހަ ހަބަރުތައް ގެނެސްދޭން ޖެހޭކަމަށެވެ. އަދި ތަރައްގީގެ ހަބަރުތައް ސައްހަ ނޫން ގޮތްގޮތަށް ލިޔެ ގެނެސްދިނުމުން ޤައުމީ މަސްލަހަތަށް ގެއްލުންވެ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއެޅިގެންދާކަމަށްވެސް މަސީހު ވިދާޅުވިއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 17ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އަދި އިޖްތިމާޢީ ކޮމެޓީން ބިލް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް އެ ބިލް ހުށަހެޅިއެވެ. އަދި 2013ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ބިލް މަޖިލީހުން ފާސްކުރުމުން، އެ ބިލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަސްދީގު ކުރެއްވީ 12 ޖެނުއަރީ 2014ގައެވެ.