ޚަބަރު

"ރިޔަސީ ދައުރެއްގައި ކުށަކަށް މައާފުދެވޭނީ އެއްފަހަރު"


ރިޔާސީ ދައުރެއްގައި ކުށަކަށް މައާފު ދެވޭނީ އެއްފަހަރުކަމަށް ކަނޑައަޅައި ކްލެމެންސީ ބޯޑުގެ ޤަވައިދަށް ބަދަލު ގެނެސްފިއެވެ. 

ކްލެމެންސީ ބޯޑުގެ ޤަވައިދުގައި ކުރިން ބުނެފައިވަނީ ހުކުމެއް ތަންފީޒުކުރަމުން ދާ މީހަކު އަދަބު ލުއިކޮށްދިނުމަށް ހުށައެޅުމުން އެމީހަކަށް ރައީސް ލުއި ދެއްވިޔަސް ނުދެއްވިޔަސް އެ މައްސަލަ ހުށައެޅި ދުވަހުން ފެށިގެން ހަ މަސްދުވަސްފަހުން އަލުން އަދަބު ލުއިކޮށްދިނުމަށް އެދި ހުށައެޅިދާނެކަމަށެވެ. 

ކްލެމެންސީ ބޯޑުގެ ޤަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ރައީސް ލުޔެއް ދެއްވައިފިނަމަ އެ މައްސަލާގައި އަލުން ލުޔެއް ހޯދުމަށްއެދި އެ ރިޔާސީ ދައުރުގައި ހުށަނޭޅޭނެކަމަށެވެ. އެހެންނަމަވެސް ލުޔެއް ދިނުމަށް ނުފެންނަކަމަށް ނިންމާފައިވާނަމަ އެ ނިންމުން ނިންމި ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުން އަލުން އެ މައްސަލަ ހުށައެޅިދާކަމަށްވެސް ކްލެމެންސީ ބޯޑުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ. 

ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، އެމަނިކުފާނުގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީސް، ދަށުން އުފައްދާފައިވާ 11 މެމްބަރުންގެ ބޯޑެކެވެ. މި ބޯޑަށް މެމްބަރުން ޢައްޔަންކޮށް އަދި ވަކިކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.