ސިއްހަތު

ޓްރީޓޮޕް ހޮސްޕިޓަލުން އާސަންދަ ޚިދުމަތް ދިނުމަށް މަޝްވަރާކުރަނީ


ޓްރީޓޮޕް ހޮސްޕިޓަލަކީ އަމިއްލަ ފަރާތަކުން ސިއްޙީ ދާއިރާ ފުޅާކުރުމަށް ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. ރާއްޖޭގައި ފުރަތަމަ ޓަރޝަރީ ފެންވަރުގައި ހުޅުމާލޭގައި ތަރައްޤީކުރާ ޓްރީޓޮޕް ހޮސްޕިޓަލަކީ އަށްޑިހަ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. 

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ނިންމައި މި އަހަރު ހޮސްޕިޓަލުން ޚިދުމަތްދޭން ފަށާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ހޮސްޕިޓަލުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާޙިމް ވަނީ އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރ ވަނީ ހޮސްޕިޓަލްގެ ޙިދުމަތްދޭ 6 ފަންގިފިލާގެ އިމާރާތުގެ އިތުރުން 8 ފަންގިފިލާގެ ސަޕޯރޓް ބިލްޑިންގގެ މަސައްކަތްވެސް ބައްލަވާލައްވާފައެވެ. 

ހޮސްޕިޓަލްގައި މިހާރު މަސައްކަތްކުރަމުންދާ ތަންތަނުގެ ތެރޭގައި ކެތު ލެބާއި، ކީމޯ ތެރަޕީއާއި އެމްއާރްއައި މެޝިންތަކާއި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޙާއްސަ ރިހެ ބިލިޓޭޝަންސެންޓަރާއި، އޮޕަރޭޝަން ތިއޭޓަރތަކާ ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި ތިބޭ މީހުން މަޑުކުރުމަށް ޙާއްސަ އެކަމޮޑޭޝަން ބްލޮކް ހިމެނެއެވެ. ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދޭގޮތުގައި މިހާރު ކުރިއަށްދަނީ މެޝިންތައް އިންސްޓޯލްކޯށް ޓެސްޓުކުރުމާއި، ހޮސްޕިޓަލްގެ ޚިދުމަތްތަކަށް ބޭނުންވާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީން ދިނުމުގެ މަސައްކަތެވެ.

img:http://s3.psmnews.mv/images/660x400/14911440258740.jpg|ހުޅުމާލޭގައި ތަރައްޤީކުރާ ޓްރީ ޓޮޕް ހޮސްޕިޓަލް / ފޮޓޯ: ޕީއެސްއެމް

ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މި ހޮސްޕިޓަލް ހުޅުވިގެންދާނީ ރާއްޖެއިން މިހާރު ލިބެންނެތް ގިނަ ޙިދުމަތްތަކާއިއެކުކަމަށެވެ. އަދި މީގެއިތުރުން ޓްރީޓޮޕް ހޮސްޕިޓަލުން އާސަންދައިގެ ޙިދުމަތް ދިނުމަށް މަޝްވަރާކުރަމުންދާކަމަށެވެ.

އަމިއްލަ ފަރާތްތައް ސިއްޙީ ދާއިރާގައި ހަރަކާތެރިވުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ޒަމާނީ ޓެކްނޮލޮޖީގެ ޙިދުމަތްތައް ލިބުމުގެ ސަބަބުން ބޭސް ފަރުވާއަށް ރައްޔިތުން ކުރާ ހަރަދު އެތައް ގުނައަކަށް ކުޑަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓްރީޓޮޕް ހޮސްޕޓަލުން ކެންސަރުބަލީގެ ބޭސް ފަރުވާއާއި ސަރޖަރީގެ ޙިދުމަތާއި، ކިޑްނީ ބަލިތަކާއި، އަޑުއިވުމާއި ފެނުމުގެ މައްސަލަތަކުގެ ފަރުވާ ލިބޭނެއެވެ. މީގެއިތުރުން ކުޑަކުދިންނާއި، އަންހެނުންގެ ޚާއްސަ ބަލިތަކާއި، ރިހެބިލިޓޭޝަންގެ ފަރުވާވެސް ހިމެނެއެވެ.

200 އެންދުގެ ޓްރީޓޮޕް ހޮސްޕިޓަލްގެ ހިންގުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނަން މަޝްހޫރު ހޮސްޕިޓަލްތައް ހިންގަމުން އަންނަ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ.