ޓުއަރިޒަމް

ގެސްޓްހައުސް އެވޯޑަށް އޮންލައިންކޮށް ވޯޓުދިނުމުގެ ފުރުސަތު


ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމްޢިއްޔާ މަޓާޓޯއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް އޮންލައިންކޮށް ވޯޓުދިނުމުގެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ގެސްޓްހައުސް އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހު މާފުށީގައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން މަޓާޓޯގެ ރައީސް އަބުދުﷲ ޤިޔާސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގެސްޓްހައުސް ޓްރެވަލް އެވޯޑް ބޭއްވުމަށް މާފުށި ހިޔާރުކުރީ އެރަށަކީ މި އެވޯޑް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަނަށްވާތީކަމަށެވެ.

މަޓާޓޯއިން މިހާރުވަނީ މި އެވޯޑް ބޭއްވުމާއި ގުޅޭގޮތުން މާފުށީ ކައުންސިލާއި، އެރަށުގެ ބައެއް ގެސްޓްހައުސްތަކާވެސް މަޝްވަރާކޮށްފައެވެ. އެފަރާތްތަކުންވަނީ މާފުށީގައި ގެސްޓްހައުސް އެޑިޝަން ބޭއްވުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

އަބުދުﷲ ގިޔާސް ވިދާޅުވީ، ގެސްޓްހައުސް އެވޯޑަށް މާކުސް ދިނުމުގެ އުސޫލު ތަފާތުވާނޭކަމަށެވެ. މިގޮތުން މިފަހަރުގެ އެވޯޑަށް މާކްސް ދިނުމުގައި ޓްރިޕް އެޑްވައިޒާގެ ސާޅީސް އިންސައްތަ ހިމެނުމަށް ނިންމާފައިވާކަމަށެވެ.

މަޓާޓޯގެ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ގެސްޓްހައުސް އެޑިޝަނުގައި 15 ކެޓަގަރީ ހިމަނާފައިވެއެވެ. މި ކެޓަގަރީތަކަށް ހަތްދިހައަށްވުރެ ގިނަ ގެސްޓްހައުސް ނޮމިނޭޓްވެފައިވާކަން ފާހަގަކޮށްލެވެއެވެ.