ކުޅިވަރު

ބައިގޯލުން ބާސާ މޮޅުވެއްޖެ


ބައިގޯލަކުން ބާސެލޯނާ ރޭ މޮޅުވިއިރު، ރަޝިޔާގެ ސީއެސްކޭ މޮސްކޯ އަތުން މޮޅުވުމާއެކު ގާތްގަނޑަކަށް މުބާރާތުގެ ދެ ވަނަ ބުރު ކަށަވަރު ކުރެވިއްޖެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ.

ކޯޗު ހޯސޭ މޮރީނިއޯ މިހެން ބުނީ ސީއެސްކޭ އަތުން 4-0 ން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ގްރޫޕް ސްޓޭޖުގައި ބާކީ ހަތަރު މެޗު އެބައޮތް ކަމަށާއި، ނަމަވެސް ދެ ބުރު ޔަޤީންވެއްޖެކަމަށް ބުނަން އޭނާ ޖެހިލުން ނުވަނީ ޓީމުގެ ފެންވަރާއި ގްރޫޕްގެ ހާލަތު އެނގޭތީ ކަމަށެވެ.

ރޮމެލޫ ލުކާކޫ ދެ ގޯލު ޖަހައިދިންއިރު އެންތަނީ މާޝިއަލް އާއި ހެންރިކް މިކިތާރިއަން ޖެހި ގޯލުން ޔުނައިޓެޑް މިވަގުތު އޮތީ ގްރޫޕުގެ އެންމެ ކުރީގައެވެ.

މޮރީނިއޯ ބުނީ ސީޒަނުގައި މިހާތަނަށް ލުކަކޫ 10 ގޯލު ޖެހުމުން އޭނާ ހައިރާން ނުވާ ކަމަށާއި، އެއީ ކިހާ މޮޅު ކުޅުންތެރިއެއްކަން ބައެއް މީހުންނަށް ނޭނގެނީ ކަމަށެވެ. އަދި ރޭގެ މެޗު އެހާބޮޑަށް ފަސޭހަވެގެންދިޔައީ މެޗު ފަށައިގެން ޔުނައިޓެޑް މާމޮޅަށް ކުޅެގަތުމުން ކަމަށާއި، އާއްމުކޮށް ފެންނަ ވަރަށްވުރެ ވެސް ސީއެސްކޭ ރޭ ފެނިގެންދިޔައީ އާދައިގެ ޓީމެއްގެ ގޮތުގައި ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ މޮޅުވީ ސްޕޯޓިން ލިޒްބަންގެ ސެބަސްޓިއަން ކޯޓެސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއާއެކު ބާސެލޯނާ ގްރޫޕުގެ ކުރީގައި އޮތްއިރު، ގޯލުގެ ތަފާތުން ދެ ވަނާގައިވަނީ ސްޕޯޓިންއެވެ. ތިން ވަނާގައިވަނީ ޔުވެންޓަސްއެވެ. އެމީހުން ރޭ 2-0 ން މޮޅުވީ އޮލިމްޕިއާކޯސް އަތުންނެވެ. ލަނޑު ޖެހީ މާކޯ މަންޒުކިޗާއި ގޮންޒާލޯ ހިގުއައިންއެވެ. މެޗަށް ފަހު ކޯޗު މަސިމޯ އަލެގްރީ ބުނީ ބައެއް މެޗުތަކުގައި އެހާބޮޑަށް ފާހަގަ ނުކުރެވުނަސް ރޭ ހިގުއައިން ތަފާތު ދެއްކި ކަމަށާއި، މި ކުޅުން އޭނާ ދަމަހައްޓާނަމަ ފުރަތަމަ 11 ގައި ހިމަނަން ކޯޗަށް މަޖުބޫރުވާނެ ކަމަށެވެ.